23 Feb 2017, 15:01
އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕްގެ ކްލަބެއް ކަމަށްވާ ރެޑިން އެފްސީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ނިއުގެ ދައުވަތަކަށް ރާއްޖެ އައުމަށް ރެޑިން އެފްސީން އެއްބަސްވެފައިވީ ނަމަވެސް، އެކުވެރިކަމުގެ މެޗު ކުޅޭނެ ތާރީހެއް ނިއުއިން އަދި އިއުލާންކޮށްފައެއް ނުވެ އެވެ.
ރެޑިން އެފްސީން ނިއުއާ ދެކޮޅަށް ރާއްޖޭގައި މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ރެޑިންގެ ޑިރެކްޓަރު ސުމްރީތު ތަނަކަންޖަނަސުތު ވަނީ ރާއްޖެ އައިސްފަ އެވެ.

ރެޑިންގެ ޑިރެކްޓަރު ސުމްރީތު ތަނަކަންޖަނަސުތު(މ) ރާއްޖޭގައި --- ފޮޓޯ/ ނިއު ރޭޑިއަންޓް
ރެޑިންއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުގެ ތަފްސީލް މިއަދު އިރުއޮއްސި 6:30ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދިނުމަށް ހަމަޖެހިފައިވެ އެވެ. ހޮޓެލް ޖެންގައި ބާއްވާ އެ ބައްދަލުވުމުގައި ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދާއި، ބޯޑު މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ރެޑިންގެ ޑިރެކްޓަރު ސުމްރީތު ތަނަކަންޖަނަސުތު ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން ރެޑިންއާއި ނިއުއާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ނިއުއިން މިސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިންތަކެއް ގެނެސްފައިވާ އިރު، ވަރުގަދަ ކްލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން އިނގިރޭސި ކްލަބަކާ ދެކޮޅަށް ވެސް މެޗެއް ކުޅޭނެ ކަމަށް ކުރިން ބުނެފައިވެއެވެ.
ރެޑިންއަކީ އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ތާރީހެއް އޮންނަ ކްލަބެކެވެ. ރެޑިން އެފްސީ ވަނީ ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށް، އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ދެ ފަހަރަކު ކުޅެފަ އެވެ. އެފްއޭ ކަޕް 2015ގެ ސެމީގައި ރެޑިން ބަލިވީ އެފަހަރުގެ ޗެމްޕިއަން އާސެނަލް އަތުންނެވެ.
އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގަށް ރެޑިން ޕްރޮމޯޓްވެފައި ވަނީ 2011-12 ސީޒަންގެ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ 2012-13 ސީޒަނުގައި ރެޑިން ވާދަކުރި ނަމަވެސް، ސީޒަނަކަށްފަހު އެޓީމު ވަނީ ޗެމްޕިއަންޝިޕަށް އަލުން ރެލިގޭޓްވެފަ އެވެ.