29 Jun 2011, 11:52
މަސްތުވާތަކެއްޗާއި ބަނގުރާ އާންމު ކުރުމުގެ ސިއްރު އެޖެންޑާއެއް ސަރުކާރުން ގެންގުޅޭ ކަމަށް ޖުމްހޫރީ ޕާޓީން ތުހުމަތު ކޮށްފި އެވެ.
މިދިޔަ ހަފުތާގައި ފާހަގަކުރެވުނު މަސްތުވާތަކެއްޗަށް ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނަށް "ބޮވެން ޖެހޭނެ" ކަމަށާއި "ބޯން އެބަ ޖެހޭ" ކަމަށް ރައީސް ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދުދީ ޖުމްހޫރީ ޕާޓީން އިއްޔެ އާންމު ކޮށްފައިވާ ނޫސް ބަޔާނުގައި ބުނަނީ ސަރުކާރުގެ އިސްވެރިންގެ ވާހަކަތަކުންނާއި ސަރުކާރުން ތަންފީޒް ކުރަން މަސައްކަތް ކޮށްފައިވާ ގަވާއިދުތަކުން މި ސަރުކާރުން މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތަށް ބަންދުކުރުމުގެ ނަމުގައި އެތަކެތި އާންމު ކުރުމުގެ "ސިއްރު" އެޖެންޑާއެއް ގެންގުޅޭ ކަމަށެވެ.
"... މިސަރުކާރުން ޢާއްމުކުރަން މަސައްކަތްކުރި އެކި ކަހަލަ ޤަވާޢިދުތަކާ އަދި މިހާރު މާލެ އާއި އަތޮޅުތަކުގައި ކަން ހިނގަމުންދާ ހަގީގަތްތަކަށް ވިސްނާއިރު ވެސް މަސްތުވާތަކެއްޗާއި ބަނގުރާ ޢާއްމުކުރުމަކީ ސަރުކާރުގެ ސިއްރު ސިޔާސަތެއްގެ ގޮތުގައި ޝައްކުކުރެވޭ ދަރަޖައަށް ކަންކަން ހިނގާފައިވާކަން މިޕާޓީއަށް ފާހަގަކުރެވެއެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.
ދެ ސޮފްހާގެ އެ ނޫސްބަޔާން ބުނަނީ ބާރުގަދަ މަސްތުވާތަކެތިން ސަލާމަތްވުމަށް ބަނގުރާ އާންމު ކުރުމަކީ ހައްލެއް ނޫންކަމަށާއި އެއީ ރާއްޖެއަށް އޮތް ވަރަށް ބޮޑުބިރެއް ކަމަށެވެ.
"... މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު ވެސް، އަދި ޒަމާނީ ސައިންސާއި ބޭސްވެރިކަމުގެ އަލީގައި ހޯދިފައިވާ ހޯދުންތަކަށް ބަލާއިރުވެސް ބަނގުރާ ޢާއްމުކުރުމަކީ، ބާރުގަދަ މަސްތުވާތަކެތީން މަނާ ވެގަތުމަށް އޮތް ދާއިމީ ޙައްލެއް ނޫނެވެ،" ޖުމްހޫރީޕާޓީން ބުންޏެވެ.