12 May 2010, 10:34
14:30
ކަރަންޓްގެ އަގަށް ދައްކަންޖެހޭ ފައިސާ އިތުރުވަމުންދާތީ، ނުރުހުން ފާޅުކުރުމަށް ޑީއާރުޕީ އިސްވެގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ރޭ މުޒާހިރާއެއް ބާއްވަން ހަމަޖައްސައިފި އެވެ.
ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ، ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކު މިއަދު ވިދާޅުވީ، ކަރަންޓްގެ އަގު ބޮޑުވަމުންދިއުމާ ގުޅިގެން އެފަރާތުން ކުރި ދިރާސާއިން ދައްކާގޮތުން ސަތޭކަ ޕަސެންޓުން ސަތޭކަ ދިހަ ޕަސެންޓާ ދެމެދުގެ އަދަދަކަށް ކަރަންޓް ބިލު ބޮޑުވެގެންގޮސްފައިވާ ކަމުގައި ދައްކާ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ހިލާފްވެ، ކަނޑައެޅިގެން ދޮގުހަދައި، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ ހިސާބުން ރައްޔިތުން މަގުމައްޗަށް ނިކުތުމަކީ ވާޖިބެއް ކަމަށްވެސް ނިހާން ވިދާޅުވި އެވެ. އަދި މި މުޒާހިރާގެ ސަބަބުން، ކަރަންޓް ބިލަށް އިތުރު ކުރެވުނުބައި 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަގަށް ތިރިކުރަން މަޖުބޫރުވެގެންދާނެ ކަމަށާއި، މި މުޒާހިރާގައި މާލޭގެ ގޭބިސީތަކުގެ އެންމެން ބައިވެރިވުމަށާއި، ހުރިހާ ރަށެއްގައި މި މުޒާހިރާ ކުރިއަށް ގެންދިއުމަށް ވެސް ނިހާނު އެދިވަޑައިގެންނެވި އެވެ.
ނިހާނު އަދި ވިދާޅުވީ، މި މުޒާހިރާ ވަރަށް ހޫނުވެ، ދިގުދެމިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ސަލާމަތީކަންތައްތައް ރަނގަޅަށް ބަލަހައްޓައި ދިނުމަށް ސަލާމަތީ ބާރުތަކަށް ވެސް ނިހާނު ގޮވާލެއްވި އެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު، ވިދާޅުވީ، މިއީ ސަރުކާރު ޒިންމާދާރުކުރުވައި، އަދި ރައްޔިތުންނަށް ފަސޭހަކަން ހޯދައިދިނުމަށް ބާއްވާ މުޒާހަރާއެއް ކަމަށެވެ. އަދި މިއީ މާލޭގެ ކަރަންޓް ބިލުގެ ކަންތައް ބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމަށް ބާއްވާ މުޒާހިރާއަކަށްވާތީ މާލޭ ދާއިރާތަކުގައި ހިމެނިވަޑައިގަންނަވާ، އެމްޑީޕީގެ ޕާލަމެންޓްރީ މެންބަރުން ވެސް މި މުޒާހިރާގައި ބައިވެރިވެދެއްވުމަށް ވެސް އާޒިމު އެދިވަޑައިގެންނެވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، "ކަރަންޓްގެ އަގު އަތްނުފޯރާ ހަމައަށް، ރައްޔިތުން ރަތަށް" މި ނަމުގައި ބާއްވާ މި މުޒާހިރާ އަކީ އާދަޔާހިލާފް މުޒާހިރާއެއް ކަމަށެވެ. އަދި މާދަމާ ރޭ 8:30 ގައި ސުނާމީ ބިނާކައިރިން ފަށާ މި މުޒާހިރާގައި، ތަފާތު ކަންތައްތަކެއް ހިމެނޭނެ ކަމަށް ވެސް މަހްލޫފު ވިދާލުވި އެވެ.
ޑީއާރުޕީގެ އޮފީހުގައި އޮތް މިބައްދަލުވުމުގައި ޑީއާރުޕީގެ އަންހެނުންގެ ގޮފީގެ ރައީސް ދުންޔާ މައުމޫނު މިއަދު ވިދާޅުވީ، ޑީއާރުޕީން އެކުލަވާލަމުން ގެންދާ އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް މިއޮތް ދެވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ބިލުގައި ބޮޑަށް އަމާޒުކޮށްފައިވާނީ ގޭތެރެއިން އަންހެނުންނަށް ލިބޭ އަނިޔާތައް ހުއްޓުވުމަށް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި މިފަދަ ބިލެއް އެކުލަވާލަމުން ގެންދާތީ، ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި، އެބިލުގެ ކަންތަކުގައި ސަރުކާރާއެކު ކުރިއަށް ވަޑައިގެންނެވުމަށް ހުންނެވީ ތައްޔާރަށް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ދުންޔާ އަދި ވިދާޅުވީ، އެ ޕާޓީގެ އަންހެނުންގެ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭއްވި ކާބޯތަކެތީގެ މައުރަޒަށް އެދެވޭ ކާމިޔާބެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުން ލިބިފައިވާ ފައިސާ ބޭނުން ކުރާނީ ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބުގައި އަހްނެނުންގެ ހަރަކާތްތަކަށް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.