23 Feb 2017, 11:54
ސްޕޭނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑްގެ މައްޗަށް ވެލެންސިއާ ކުރި ހޯދައިފި އެވެ.
މިއީ މިސީޒަނުގެ ސްޕެނިޝް ލީގު މެޗެއްގައި ރެއާލް ބަލިވި ދެވަނަ ފަހަރެވެ. ފުރަތަމަ ބަލިވީ ސެވިއްޔާ އަތުންނެވެ.
ރޭ ކުޅުނު އެ މެޗު ވެލެންސިއާއިން ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ. ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް ވެލެންސިއާއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒާޒާއެވެ. އަދި މެޗުގެ ދެވަނަ ގޯލް ޖަހައި ވެލެންސިއާއިން ލީޑު ފުޅާ ކުރީ ފުރަތަމަ ލަނޑު ޖެހިތާ ފަސް މިނިޓް ފަހުންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮރެލާނާއެވެ.
ގާތް ގާތުގައި ދެ ލަނޑު ޖެހުމުގެ ސަބަބުން ރެއާލް މެޑްރިޑް ޕްރެޝަރަށް ވެއްޓުނު ނަމަވެސް އެ ޓީމުން ވަނީ ކުޅުން ރަަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. އެ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ެއެ ނަތީޖާއާ އެކު ރެއާލް ތާވަލްގެ އެއްވަނާގައި އޮތީ 52 ޕޮއިންޓާއެކުއެވެ. 51 ޕޮއިންޓާއެކު ބާސެލޯނާ ދެވަނާގައި އޮތްއިރު އެ ޓީމުން ވަނީ ރެއާލްއަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. ތިންވަނަގައި 49 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ.