އާލިއާ ބަޓް އަދި ޝްރައްދާ ކަޕޫރު އަކީ ބޮލީވުޑުގެ ފަހުގެ ޖެނެރޭޝަންގައި އެންމެ އުންމީދީ ދެ ތަރިންނެވެ. ދެ ތަރިން ވެސް ފިލްމީ ދާއިރާ އަށް ނުކުތީ ދާދި އެކު އެކީގަ އެވެ. އަދި މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ވެސް ވަނީ ކުޅެފަ އެވެ.

އެއާއެކު ދެ މީހުންގެ މެދުގައި ވާދަވެރިކަމެއް އުފެދިފައިވާ ކަމަށް ޚަބަރުތައް ބުނަން ފެށި އެވެ. އަދި ދެ މީހުންނަށް ސަޕޯޓު ކުރާ މީހުން ވެސް ދެ ފަރާތަށް އެރި އެވެ.

ނަމަވެސް ދެ މީހުންގެ ދެމެދުގައި އެއްވެސް ވާދަވެރިކަމެއް ނެތް ކަމަށާއި ދެމީހުންނަކީ ގާތް އެކުވެރިން ކަމުގައި އާލިއާ މިވަނީ ބުނެފަ އެވެ.

އާލިއާ ބުނީ އޭނާ އަށް ވުރެ ކާމިޔާބީ ޝްރައްދާ ކަމަށާއި އާލިއާ ޝްރައްދާ އަށް ވުރެ ކުރި އަރައިގެން ގޮސްފައިވާ ކަމަށް މީހުން ބުނުމަކީ އޭނާ ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

"އަހަރެމެން ދެމީހުންގެ ދޭތެރޭ އެއްވެސް ރޭހެއް ނެތް. އަހަރެން ޝްރައްދާ އަށް ވުރެ ކުރި އަރާފައިވާ ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން. ޝްރައްދާ ވަނީ އަހަންނަށް ވުރެ ގިނައިން 100 ކުރޯޑުގެ ފިލްމުތައް ކުޅެފައި. އެހެންވީމާ ބޮކްސް އޮފީހުގައި ޝްރައްދާ އަހަންނަށް ވުރެ ކާމިޔާބު،" އާލިއާ ބުނެފައިވެ އެވެ.

އާލިއާ ބުނީ ޝްރައްދާ އާއި ޕަރިނީތީ އަކީ ވަރަށް ގާތް ދެމީހުން ކަމަށާއި، އެ ދެމީހުންގެ މަސައްކަތްތަކަށް ވެސް އާލިއާ ލޯބިކުރާ ކަމަށެވެ.

މިދިޔަ އަހަރު އާލިއާގެ ކާމިޔާބު ތިން ފިލްމެއް ރިލީޒް ކޮށްފައިވާ އިރު، އޭނާ ވަނީ ފިލްމު ފެއާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ވެސް ހޯދައިފަ އެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ވަރުން ދަވާން އާއެކު 'ބަދްރީނާތު ކީ ދުލްހަނިޔާ' އިންނެވެ.