29 Jun 2011, 10:50
މާބްލް ގެސްޓް ހައުސްގެ ކައުންޓަރުގައި އިން މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ފައިސާތަކެއް ފޭރިގެންފެންފި އެވެ.
ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި މާފަންނު މާބްލް ގެސްޓް ހައުސްއަށް ބަޔަކު ވަދެ ފޭރުމުގެ ހާދިސާއެއް ހިންގައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"އެ ރިޕޯޓް އައިސްގެން ތަހުގީގު ކުރަމުންދާކަން ފިޔަވައި އިތުރު އެއްޗެއް މިވަގުތު ބުނެވޭކަށެއް ނެތް،" ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.
މާބްލް ގެސްޓް ހައުސްގެ އިސް ވެރިޔަކު މިއަދު ވިދާޅުވީ އެ ތަނުގައި ރޭ ހިންގި ފޭރުމުގެ ހާދިސާ ފުލުހުން އިންވެސްޓިގޭޓް ކުރަމުންދާތީ އަދި އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ރޭ ފަތިހު މާބްލް ގެސްޓް ހައުސްއަށް ބަޔަކު ވަދެ ކައުންޓަރުގައި އިން ފިރިހެން މީހާއަށް ބިރު ދައްކައި ފައިސާތަކަކާއެކު ފޮއްޓެއް ކަހަލަ އެއްޗެއް ވަނީ ފޭރިގަނަގެން ގެންގޮސްފަ އެވެ.
ކުށެއްގެ އިސްލާހު:
މިޚަބަރު ޝާއިއުކުރި އިރު މާބްލް ގެސްޓް ހައުސްގެ ކައުންޓަރުގައި އިނީ އަންހެން ކުއްޖެއް ކަމަށް ލިޔެފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ މާބްލް ގެސްޓް ހައުސްގެ ކައުންޓަރުގައި އިން ފިރިހެނެކެވެ. ވީމާ މި ކުށަށް ވަރަށް ބޮޑަށް މާފަށް އެދެމެވެ.