ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާއިން އިންވެސްޓްކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު އިންޑިއާ ސަރުކާރުން މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުބާޝަރު ޖާވިދު އަކްބަރު މިއަދު ވަނީ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، އެެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ރާއްޖެއިން ގެންގުޅޭ "ފުރަތަމަ އިންޑިއާ" ސިޔާސަތުގެ މައްޗަށް އަލިއަޅުއްވަވައިފައެވެ. އަދި ސްޓޭޓް މިނިސްޓަރު އަކްބަރުގެ ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެ، އިންޑިއާގެ ފަރާތުން މިހާރުވެސް ލިބޭ އެހީތެރިކަން ކުރިޔަށް އޮތް ތަނުގައިވެސް ލިބޭނެކަމުގެ ޔަގީންކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރު އަކްބަރާއި ރައީސް އަބްދުﷲ ޔާމީން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާއިން އިންވެސްޓް ކުރެވޭނެ ގޮތްތަކާއި، އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ސަލާމަތާއި ރައްކާތެރިކަމާއި، ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ތަރައްގީގެ ދާއިރާއާއި، ޒުވާނުންނާއި ސަގާފަތާއި ކެޕޭސިޓީ ބިލްޑިންގްގައި އެއްބާރުލުން ދިނުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ސްޓޭޓް މިނިސްޓަރު އަކްބަރު ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. އެގޮތުން، ރައީސް އަބްދުﷲ ޔާމީންގެ ލީޑަޝިޕަކީ ސުލްހަ މަަސަލަސްކަމާއި ތަރައްގީއާ އެއް މާނައެއް ދޭހަވާ ކަމެއް ކަމަށް ސްޓޭޓް މިނިސްޓަރު އަކްބަރު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ބައިވެރިވެވަޑައިގެންނެވިއެވެ.