29 Jun 2011, 10:25
ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން އެ އަތޮޅު މާޅެންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައި ހުރި ބްލެޓް ސައިޒްގެ ހަތަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިންކޮޅަކާ އެކު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލަ އާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 34 އަހަރުގެ މީހެކެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
މާޅެންދޫ ކައުންސިލް އިދާރާ އިން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ އެ ރަށު މުޝްތަރީގެ ހުސައިން ރަމީޒު ކަމަށެވެ.
ފުލުހުން ބުނީ މާޅެންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނުގައި އޭނާ އެ ތަކެއްޗާއެކު ހައްޔަރުކުރީ މާޅެންދޫ ރަށު ކައުންސިލް އިދާރާ ކުރިމަތިން ކަމަށެވެ. އެ މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުންނެވެ.