22 Feb 2017, 20:03
ޖަރުމަނު ވިލާތުގެ ބާލިންގައި ބާއްވާ އިންޓަނޭޝަނަލް އައިޓީބީ ފެއާގައި ރާއްޖޭގެ 88 ކުންފުންޏަކުން 260 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާން ނިންމައިފި އެވެ.
އަންނަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެއާގައި ބައިވެރިވާ ފަރާތްތަކަށް، އެ ފެއާ އާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހޮޓެލް ޖެންގައި ވަނީ "ޕްރި މީޓިން"އެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މޯލްޑިވްސް މާކެޓިން އެން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ވަނީ ބައިވެރިވެ، ފެއާ އާ ބެހޭ މައުލޫމާތު އެ ފަރާތްތަކަށް ހިއްސާކޮށްފައެވެ.
އައިޓީބީ ފެއާގައި ބައިވެރިވާ ދިވެހި ކުންފުނިތަކާ އެކު، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދުވެސް ޖަރުމަނަށް ވަޑައިގަންނަވާނެ އެވެ.
އެ ފެއާގައި ދުނިޔޭގެ 187 ގައުމަކުން 10،000އަށް ވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވާނެ އެވެ. އަދި ފެއާ ބާއްވާ ސަރަހައްދުގެ ބޮޑު މިނުގައި 160.000 އަކަ މީޓަރު ހުރެއެވެ.
އައިޓީބީ ފެއާ އަކީ ދުނިޔޭގެ ޓޫރިޒަމް މާކެޓު އެއްތަނަކަށް ގެނެސް އެ ދާއިރާގެ ވިޔަފާރީގެ ބޮޑެތި ޑީލުތަކެއް ނިންމާ ފެއާ އެކެވެ. މި ފެއާއަށް ކޮންމެ އަހަރަކުވެސް 120،000 އަށްވުރެ ގިނަ ވިޔަފާރި ވެރިން ޒިޔާރަތްކުރެއެވެ. އަދި އެ ފެއާއަށް ޒިޔާރަތް ކުރާ އަމިއްލަ ފަރާތްތަކުގެ އަދަދު ކޮންމެ އަހަރަކުވެސް 60،000 އަށް ވުރެ ގިނައެވެ. މީގެ އިތުރުން ކޮންވެންޝަން ވިޒިޓަރުންގެ ގޮތުގައި ކޮންމެ އަހަރަކުވެސް 26،000 މީހުން ޒިޔާރަތް ކުރެއެވެ.