22 Feb 2017, 16:23
އިންޓަ އޮފީސް ނެޓްބޯލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް އިމިގްރޭޝަނާއި ކަސްޓަމްސް ދަތުރުކޮށްފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ މި މުބާރާތުގެ ދެ ބައިންވެސް ކަސްޓަމްސް ވަނީ ފައިނަލްގެ ޖާގައެއް ހޯދައިފައެވެ.
ޒުވާނުންގެ މަރުކަޒު ބޭރު ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ އަންހެންބައިގެ ފައިނަލަށް އިމިގްރޭޝަން ދަތުރުކުރީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ބަލިކުރުމަށްފަހުއެވެ. ކަސްޓަމްސްއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ބަލިކޮށްގެންނެވެ.
ސެމީ ފައިނަލުގައި އިމިގްރޭޝަނުން މީރާ ބަލިކުރީ 40-6 ޕޮއިންޓުންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ އިމިގްރޭޝަންގެ ފަދުވާ ޒާހިރެވެ.
ކަސްޓަމުން އެމްއޭސީއެލް ބަލިކުރީ 38-18 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކަސްްޓަމްސްގެ އައިމިނަތު ހަލީމެވެ.
އަންހެން ޑިވިޝަންގެ ފައިނަލުގައި އިމިގްރޭޝަނާއި ކަސްޓަމްސް ބައްދަލުކުރާ މެޗުގެ ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
މި މުބާރާތުގެ ފިރިހެންބައިގެ ސެމީ ފައިނަލުގައި ބައްދަލުކުރީ ކަސްޓަމްސްއާއި އާސަންދައެވެ. ކަސްޓަމްސްއިން މި މެޗު ކާމިޔާބުކުރީ 32-9 ޕޮއިންޓުގެ ނަތީޖާއަކުންނެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ކަސްޓަމްސް ނުކުންނާނީ އެމްއޭސީއެލްއާ ދެކޮޅަށެވެ. މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.