22 Feb 2017, 15:17
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވޯކް ވިސާގެ ދަށުން ބިދޭސީންނަށް އެތެރެ ވެވޭނެ އަދި ފުރޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަން އެއާޕޯޓަށް ޝެޑިއުލް ފްލައިޓް އޮޕަރޭޝަންތައް ފަށާނެ ކަމަށް ރަސްމީކޮށް އެނގުމާއެކު ގަން އެއާޕޯޓަށް މިދިޔަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން ފްލައިޓް ޖެއްސުމުގެ ހުއްދަ ދީފައިވާނޭ ކަމަށެވެ.
ނަމަވެސް އެ ތާރީހުގައި ދަތުރު ކުރުމަށް ހުއްދަ ދީފައި ވަނީ ފަތުރުވެރިންނާއި ދިވެހިންނަށް އެކަންޏެވެ.
އިމިގްރޭޝަނުން ބުނީ، ވާކް ވިސާގެ ދަށުން ރާއްޖެ އަންނަ އަދި ފުރާ ބިދޭސީން ގަން އެއާޕޯޓުން ފުރުމުގެ ކަންތައް އޭރު ހަމަނުޖެހި އޮތީ، އެކަން ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައި ވުމުން ކަމަށެވެ.
އެކަންކަން މިހާރު ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވާކް ވިސާގެ ދަށުން ބިދޭސީންނަށް އެތެރެ ވެވޭނެ އަދި ފުރޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގެ މައުލޫމާތު އެއާލައިންތަކަށް ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.