ދިރާގް ދިވެހި ލީގްގައި ރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ވެލެންސިޔާ ކުޅުނު މެޗް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެން ނިމިއްޖެ އެވެ.

ގަލޮޅު ދަނޑުގައި ރޭ ދެޓީމް ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހުނު މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ދެ ޓީމަށް ވެސް ލިބުނެވެ. ނަމަވެސް، މެޗްގެ ގިނަ ހަމަލަތައް އުފައްދާފައި ވަނީ ނިއު ރޭޑިއަންޓުން ނެވެ.

ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ނިއު އިން ވަނީ ނުރައްކާތެރި ތިން ހަމަލާއެއް ވެލެންސިޔާގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. އެގޮތުން ނިއުގެ ބިދޭސީ ކުޅުން ތެރިޔާ ޗާލްސް ވެލެންސިޔާގެ ގޯލް އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލައިގެ ހުރަހަކަށްވީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވެލެންސިޔާގެ ގޯލް ކީޕަރު އިބްރާހިމް އިފްރާހެވެ. އަދި މެޗްގެ 23 ވަނަ މިނެޓުގައި ނިއުގެ އަހުމަދު ނިއާޒަށް ވެސް ލަނޑު ޖަހާނެ ރަނުގެ ވަގުތުކޮޅެއް ލިބި ވަނީ ފުރުސަތު ނަގާލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު، ދެ ޓީމުން ކުރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ލިބުނު ޕޮއިންޓާއެކު ނިއު ވަނީ 23 ޕޮއިންޓް ހަމަކޮށް ތާވަލްގައި އެ ޓީމް ކުރިން ވެސް އޮތް މަގާމު ދިފާއުކޮށްފަ އެވެ. ވެލެންސިޔާ 12 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.

އަށް ޓީމް ވާދަކުރާ ލީގްގެ ދެ ވަނަ ބުރުގެ ކުޅުން ނިމުމަކަށްދާއިރުު، ތާވަލްގެ ފުލުގައި އޮންނަ ދެ ޓީމް ރެލިގޭޝަން ކުޅެންޖެހޭނެ އެވެ. ރެލިގޭޝަނަށް މިހާރު ވެއްޓީފައިވާ އެއްޓީމަކީ ހަ ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައި އޮތް ވިޔެންސާއެވެ. ދެން ރެލިގޭޝަނަށް ވެއްޓުމުގެ ބިރާ ކުރިމަތިވެފައިވާ ދެ ޓީމަކީ އޭވައިއެލް އާއި ވެލެންސިއާ އެވެ.

މިމުބާރާތުގައި މާދަމާ ރޭ 9:00 ޖަހާއިރު ބައްދަލުކުރާނީ ލީގުގެ ހަތަރު ވަނާގައި އުޅޭ މާޒިޔާ އާއި ފަސް ވަނާގައި އޮތް އީގަލްސް އެވެ. އަންނަ ހުކުރު ދުވަހު ހަވީރު 4:15 ގައި ބައްދަލުކުރާނީ ވީބީ އާއި ވިޔެންސާ އާ އެވެ.