ޖަކާޓާ (ފެބްރުއަރީ 22): ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަންނަ މަހު އިންޑޮނޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި 1،500 އޮފިޝަލުންނާއި 10 މިނިސްޓަރުން ބައިވެރިވާނެ ކަމަށް އިންޑޮނޭޝިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ކެބިނެޓް ސެކްރެޓަރީ ޕްރަމޮނޯ އާނަންގް ވިދާޅުވި ގޮތުގައި ސަލްމާން ރަސްގެފާނު އެގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ އެކަކުން ނުވައަކަށެވެ. އޭގެ ތެރެއިން ފަހު ހަ ދުވަސް ރަސްގެފާނު ހޭދަ ކުރައްވާނީ ބާލީގައި ކަމަށް އާނަންގް ވިދާޅުވި އެވެ.

އެދަތުރުފުޅުގެ ސަބަބުން 25 ބިލިއަން ޑޮލަރުގެ ސައުދީ އިންވެސްޓްމެންޓުތައް އިންޑޮނޭޝިއާއަށް ލިބޭނެ ކަމަށް އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ އުއްމީދު ކުރައްވާ ކަމަށް ވެސް އާނަންގް ވިދާޅުވި އެވެ. އެގޮތުން ހަކަތަ އުފެއްދުމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށާއި ދެ ގައުމުގެ މެދުގައި ކުރާ ދަތުރުތައް އިތުރުކުރުމާ ބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް އިންޑޮނޭޝިއާ އިން އުއްމީދު ކުރެ އެވެ.

އޭޝިއާ ސަރަހައްދުގެ ފަސް ގައުމަކަށް ސައުދީ ރަސްގެފާނު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑޮނޭޝިއާގެ އިތުރުން ޖަޕާން، ޗައިނާ، މެލޭޝިއާ އަދި އަށް ވަޑައިގަންނަވާނެ ކަމަށް ސައުދީ ގެޒެޓުން ރިޕޯޓު ކުރެ އެވެ.