22 Feb 2017, 13:23
ދީނީ ވަހުދަތާއި ގައުމީ ރޫހު އާލާކޮށް ދިރުވުމަށް ސަރުކާރުން އިސްނަގައިގެން މާޗު އެއްވަނަ ދުވަހު ފަށާ "ބިޔަ ބޮޑު" މަޝްރޫއު ކުރިއަށް ގެންދަން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގައި ގައުމީ ރޫހު އާލަކުރަން މިނިސްޓްރީތައް ގުޅިގެން މާޗު އެއްވަނަ ދުވަހު މަޝްރޫއެއް ފަށަން ތައްޔާރުވަމުން ދާ ކަމަށެެވެ.
އެ މަޝްރޫއުގެ ޝިއާރު އިއުލާނުކުރުން އޮންނާނީ މާޗު އެއްވަނަ ދުވަހުގެ ރޭ އެކަމަށް ހާއްސަ ކުރެވިގެން ބާއްވާ ބޮޑު ރަސްމިއްޔާތެއްގައި ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
ދީނީ ވަހުދަތާއި ގައުމީ ރޫހު އާލާކޮށް ދިރުވުމަށް ސަރުކާރުން ފަށާ މަޝްރޫއުކުރިއަށް ދާނީ މިނިސްޓްރީ ތަކާއި ސުކޫލުތަކާ ގުޅިގެން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ހާއްސަ ކޮމިޓީއެއްވެސް އެކަމަށް އެކުލަވާލާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ދީނީ ވަހުދަތާއި ގައުމީ ރޫހު އާލާކުރާ ކޮމިޓީގެ މެމްބަރުން
- ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް
- އައިޔޫއެމްގެ ޗާންސެލަ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- އަބްދުއްރަޝީދު ހުސައިން
- އަބްދުﷲ ފާރޫޤު ޙަސަން
- އިބްރާހިމް އުމަރު މަނިކު
- އިބްރާހިމް ހަލީލް
- ދައުލަތުގެ ބައެއް ވަޒީރުން
22 ފެބްރުއަރީ 2017: ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މީގެކުރިން ގައުމުގެ ހާލަތު އޮތްގޮތާއި މިހާރާ ތަފާތު ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ. މީގެކުރިން ރާއްޖޭގެ މީހުންގެ މެދުގައި އޮތް ނުތަނަވަސް ކަމާއި ކަންބޮޑުވުމާއިއެކު ހަލަބޮލިކަން އުފެދުމަށް ފަހު މިއަދު ގައުމު އަމާންވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ހިތްމަތްތެރި އަދި ހިކުމަތްތެރި މަސައްކަތްޕުޅާއެކު ގައުމު މިވަނީ އަމާންވެ، އަދި މިހާރު އަޅުގަނޑުމެން ސަރުކާރުން މި ކުރިއަށް ގެންދަނީ ގައުމު އާރާސްތު ކުރުމުގެ ތަފާތު އެކި މަސައްކަތްތައް" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ދަށުން ޒުވާނުންނާއި ސުކޫލު ކުދިންނަށް އަމާޒުކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަޝްވަރާ ބައދަލުވުންތައް ބޭއްވުމާއި، ޕޯސްޓަރު ކުރެހުމާއި މަޒުމޫނު ލިޔުމާއި، މަލްޓި މީޑިއާ ބޭނުންކޮށްގެން ތަފާތު ހަރަކާތްތައް ހިންގުން ކުރިއަށްދާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
22 ފެބްރުއަރީ 2017: ޑރ އާއިސަތު ޝިހާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސުކޫލު ކުދިންނަށް ކުރިއަށް ގެންދެވޭ ހަރާކާތްތައް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާއިރު ދީނި ކަން ކަމާ ގުޅޭ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހިންގާ ހަރާކާތްތައް "ސިޔާސީ" ނުކުރާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ނަމުގައި އެއްވެސް ފަރާތަކަށް މަޝްރޫއުގެ ދަށުން ހިންގާ ހަރަކާތްތަކުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.