ރާއްޖޭގައި ބާރަށް ފެތުރެމުންދާ ޑެންގީ ހުމުގެ ރޯގާގައި ތިން ވަނަ ކުއްޖަކު ވެސް މަރުވެއްޖެ އެވެ. ހުން ޖެހިގެން ރޭ ފަތިހު މަރުވީ ބ. ތުޅާދޫ ދިލްބަހާރުގޭ އަލްހާން އަހުމަދު އަސްލަމެވެ. މިއީ 48 ގަޑިއިރުގެ ތެރޭގައި ޑެންގީ ޖެހިގެން މަރުވި ތިން ވަނަ ކުއްޖާ އެވެ.

އާއިލާއިން ބުނީ ދެ އަހަރާ ތިން މަހުގެ އަލްހާން މަރުވީ ތުޅާދޫގައި ތިން ދުވަހު ޑެންގީ ހުމަށް ފަރުވާ ދިނުމަށްފަހު އިއްޔެ މެންދުރު މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗަށް ބަދަލު ކުރި ފަހުން ރޭ ދަންވަރު 3:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.

"ރިޕޯޓްގައި އޮތީ ޑެންގީ ޝޮކެއް ޖެހގެން މަރުވީ ކަމަށް،" ކުޑަކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޑެންގޫ ހުމަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހަވީރު ވެސް އައިޖީއެމްއެޗްގައި ވަނީ އއ. ތޮއްޑޫ، ހަ އަހަރުގެ ކުއްޖަކު މަރުވެފަ އެވެ.

މިދުވަސްވަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ވަރަށް ބާރު ސްޕީޑެއްގައި ޑެންގޫ ހުން ދަނީ ފެތުރެމުންނެވެ. ޑެންގޫ ޖެހޭ މިންވަރު ޕީކަށް އަރާފައިވާ ކަމަށް ސެންޓާ ފޯ ހެލްތު އެންޑް ޑިސީޒް ކޮންޓްރޯލް އިން ވަނީ ބުނެފަ އެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން ޑެންގީ ޖެހޭ މިންވަރު އިތުރުވެގެން ދިޔަ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ޖޫން މަހުގެ 18ގެ ނިޔަކަށް މުޅި ރާއްޖެ އިން 1289 މީހެއްގެ ގައިން ޑެންގީ ހުން ފެނިފައިވާ އިރު މިދިޔަ އަހަރުގެ ނިޔަލަށް އެބަލި ފެނިފައި ވަނީ 401 މީހުންގެ ގައިންނެވެ. އަދި މި އަހަރުގެ މިހާތަނަށް 27،470 މީހަކަށް ވައިރަލް ފީވާ ޖެހިފައިވާ އިރު މާލެ އިން އެބަލި ޖެހިފައި ވަނީ 5519 މީހަކަށް ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް ވައިރަލް ފީވާ ޖެހުނު މީހުންގެ އަދަދު 26،062 އަށް އަރާފައިވާ އިރު މާލޭން އެބަލި ޖެހިފައި ވަނީ 5276 މީހަކަށެވެ.