ކުއަލަލަމްޕޫރު (ފެބްރުއަރީ 22): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރާ ގުޅިގެން، މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގެ އިސް އޮފިޝަލަކާ ސުވާލު ކުރާނެ ކަމަށް މެލޭޝިއާގެ ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެލޭޝިއާގެ ޕޮލިސް ޗީފް ހާލިދު އަބޫބަކުރު ވިދާޅުވި ގޮތުގައި މީގެ ކުރިން ހޯދަމުން ދިޔަ އުތުރު ކޮރެއާގެ ހަތަރު މީހުންގެ އިތުރުން، މިހާރު ވަނީ އުތުރު ކޮރެއާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އާއި އެ ގައުމުގެ ގައުމީ އެއާލައިންގެ އޮފިޝަލަކާ ސުވާލުކުރަން ނިންމައިފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ކިމްގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހޯދަން ފެށި އުތުރު ކޮރެއާގެ ހަތަރު މީހުން ވަނީ މެލޭޝިއާ ދޫކޮށް ގޮސްފަ އެވެ.

މީގެ ކުރިން މެލޭޝިއާ އިން ވަނީ ކިމްގެ މަރާ ގުޅިގެން އުތުރު ކޮރެއާގެ މީހަކާއި މެލޭޝިއާގެ ފިރިހެނަކާއި އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ ޕާސްޕޯޓެއް އޮތް އަންހެނަކު ހިމެނޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޕޮލިސް ޗީފް ހާލިދު ވަނީ ކިމް އަވަހާރަވީ ވިހަ އެއްޗެއް އޭނާގެ މޫނުގައި ހޭކުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އެހަމަލާ ދިނީ ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ އިންޑޮނޭޝިއާގެ އަންހެން މީހާ އާއި ވިއެޓްނާމްގެ އަންހެން މީހާ ކަމަށް ވެސް ހާލިދު ވިދާޅުވި އެވެ.

"(ކިމްގެ) މޫނުގައި އެއްޗެއް ހޭކުމަށް ފަހު އެމީހުން ދިޔައީ. އަދި އެއީ ވިހަ އެއްޗެއް ކަމުން އެމީހުންނަށް ވަނީ (ހަމަލާ ދިނުމަށް ފަހު) އަތް ދޮންނަން އިރުޝާދު ދީފައި،" ހާލިދު ވިދާޅުވި އެވެ.

ކިމްގެ ޕޯސްޓުމޯޓަމް ހެދި ނަމަވެސް އޭނާ އަވަހާރަވި ސަބަބު އަދި ޔަގީން ނުވާ ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. ނަމަވެސް ކިމް އަށް ހާޓް އެޓޭކެއް ޖެހުނު ކަމެއް ނުވަތަ އޭނާގެ ގަޔަށް އެއްޗެއް ހަރާފައިވާ ކަމުގެ އެއްވެސް ހެއްކެއް ޕޯސްޓްމޯޓަމް އިން ނުފެންނަ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މެލޭޝިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ކިމްގެ ހަށިކޮޅާ ހަވާލުވުމަށް އޭނާގެ ދޮށީ ދަރިކަލުން ކިމް ހަން ސޮލް ވަނީ މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. (ބީބީސީ)