ތ. އަތޮޅު ތިމަރަފުށްޓަށް ބޮޑު ހިލަ ހިފައިގެން ދިޔަ ބާޖެއް އެ އަތޮޅު ފުނައްޑޫ ފަރުމައްޗަށް އަރައިފި އެވެ.

ތިމަރަފުށީ ކައުންސިލުގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އަލީ މިއަދު 'ސަން' އަށް ވިދާޅުވީ އެމްޓީސީސީ އިން ބޮޑު ހިލަ ހިފައިގެން ދިޔަ ބާޖު ފަރަށް އަރާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށާއި އެ ބާޖު ފުންކުރުމުގެ މަސަތްކަތް އެ ރަށުގެ ރައްޔިތުންނާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ފުނައްޑޫ ފުއްޓަރު ފަރާތުފަރަށް އަރާފައިވާ ބާޖު --- ސަން ފޮޓޯ: ކިޔުންތެރިއެއް

"ބާޖު ފަރަށް އެރި ޚަބަރު ލިބުމާ އެކު މި ރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ފުން ކުރުމުގެ މަސަތްކަތް ކުރަމުންދަނީ. މިހާރު ވަނީ ބާޖު ކަފުޖަހައިގެން އައި ޝިޕް ފުންކޮށްފައި،" އަހުމަދު އަލީ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބޮޑު ހިލަ ބަރުކޮށްފައި އޮތް ބާޖު ފަރަށް އަރާފައި ވަނީ ފުނައްޑޫގެ ފުއްޓަރު ފަރާތަށެވެ. މި ވަގުތަކީ ދިޔަވަރު ހިކި ވަގުތު ކަމުން ބާޖު ފުންކުރުމުގެ މަސަތްކަތް ވަނީ ކޮންމެވެސް ވަރަކަށް މަޑު ޖައްސާލައިފަ އެވެ.

މަސް ފެކްޓްރީއެއް ހިންގަމުން އަންނަ ފުނައްޑޫގެ ފުއްޓަރު ފަރާތަށް އެރި ބާޖުގައި ހުރީ ތިމަރަފުށީ އެއާޕޯޓްގެ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ޖެހުމަށް ހިފައިގެން ދިޔަ ހިލަތަކެކެވެ.