ބާލިން (ފެބްރުއަރީ 22) : ސޫރިޔާގެ ހަނގުރާމައިގާ ބައިވެރިވުމަށް ސައޫދީ އެއްގަމުގެ ބާރުތައް ފޮނުވަން ގަސްދުކުރާކަން އެގައުމުން ހާމަކޮށްފި އެވެ.

ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ ސޫރިޔާގެ ހަނގުރާމައަށް ސައޫދީ އެއްގަމު ސިފައިން ފޮނުވުމުގެ ބޭނުމަކީ އައިއެސް ޖަމާއަތުގެ އަތްދަށުން މިނިވަން ކުރެވޭބިންތައް ސޫރިޔާ ސަރުކާރުގެ އަތްދަށަށް ދިޔަނުދީ އެތަންތަން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް އެހީތެރިވެދިނުން ކަމުގައެވެ. ނަމަވެސް މިކަންކުރާނީ އެމެރިކާގެ ރުހުމާއި ތާއީދާއި ލޮޖެސްޓިކް އެހީ ލިބިގެން ސޫރިޔާގެ މުސްތަގްބަލް ބައްޓަންކުރާނެ ގޮތެއް އެމެރިކާއާ ވިލަރެސްކޮށްގެން ރޭވުމަށްފަހުގައި ކަމަށް ޖުބައިރު ވިދާޅުވި އެވެ.

ސައޫދީ އަރަބިޔާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީނާއި ފައިސާ އެންމެ ބޮޑަށް ފޯރުކޮށްދޭ އެއްގައުމެވެ. ސައޫދީގެ އިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީނާއި ފައިސާގެ އެހީ ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތުރުކީއާއި ގަތަރާއި އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތެވެ.

މީގެބަދަލުގައި ސޫރިޔާ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަކީ އީރާނާއި ރަޝިޔާއާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތެވެ.

ޖަރުމަނުގެ ނޫހެއްކަމަށްވާ "ޒޮޑް ޑުވިޗޭޓައިޓޮންގް" އަށް ދެއްވި ބަސްދީގަތުމެއްގައި އާދިލްއަލްޖުބައިރު ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށާއި އޭނާގެ ވެރިކަމަކީ ޝަރުޢީ ވެރިކަމެއް ނޫންކަމުގަ އެވެ. ސޫރިޔާގެ މުސްތަގްބަލްގައި ބައްޝާރާއި އޭނާގެ ބައިވެރިންނަށް އެއްވެސް ފުރުސަތެއްނެތް ކަމަށާ ބައްޝާރު ވަނީ ސޫރިޔާގެ ރައްޔިތުންގެ އެތަށްލައްކަ ބަޔަކު މަރާފައިކަމަށްވެސް ޖުބައިރު ވިދާޅުވި އެވެ.

ކެޕްޝަން..

ސޫރިޔާގައި 2011 ވަނަ އަހަރު ދާޚިލީ ހަނގުރާމަ ފެށުނީ ސައޫދީ އަރަބިޔާއާއި ތުރުކީއާއި ގަތަރާއި އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދީގެން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމުގެ މަސައްކަތް ފެށުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ބޭރުގައުމުތަކުން ހަތިޔާރު ހޯދައިގެން އެގައުމުތަކުގެ އެޖެންޑާއެއް ތަންފީޒު ކުރުމަށް ޓަކައި ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމުގެ މަސައްކަތް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ފެށުމުގެ ކުރިން ސޫރިޔާގައި ހަނގުރާމައެއް ނުފެށެ އެވެ. އެތައްލައްކަ ބަޔަކު މަރުވެ ގައުމު ހަލާކުވެ ސޫރިޔާގެ ރައްޔިތުން ރެފިއުޖީންނަށްވެ ހާލުގައެއް ވެސް ނުޖެހެ އެވެ.

އެހެންކަމުން ސޫރިޔާގެ ހަނގުރާމައިގާ އެއްތަށް ލައްކަ ބަޔަކު މަރާލުމުގައި ބައްޝާރުގެ އިތުރުން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އެޖަމާއަތްތަކަށް އެހީތެރިވާ ގައުމުތަކުގެ ބައިވެރިވުންވެސް ކުޑައެއްނޫނެވެ. ސޫރިޔާގެ ހަނގުރާމައިގާ ބައިވެރިވުމަށް ޓަކައި ސައޫދީ އެއްގަމުގެ ބާރުތައް ސޫރިޔާއަށް ފޮނުވަން ގަސްދުކުރާކަމަށް ވިދާޅުވެ މިދިޔަ އަހަރުގެ ކުރީކޮޅު ވެސް ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އެތަށްފަހަރަކު ވާހަކަ ދައްކަވާފައިވެ އެވެ. ނަމަވެސް ސައޫދީ އަށް އެކަން ކުރަންކެރިފައެއް ނުވެ އެވެ.

ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލައި ސޫރިޔާގައި އެހެން ވެރިކަމެއް އުފެއްދުމަށް އެމެރިކާއާއި ތުރުކީއާއި ގަތަރާއި ސައޫދީން ކުރަމުން ގެންދާއިރު ގަދަބާރުން ވެރިކަމުގެ ނިޒާމު ވައްޓާލި އެއްވެސް ގައުމަކަށް ހަމަޖެހުން އައިސް ފައެއްނުވެ އެވެ. އިރާގާއި ލީބިޔާއާއި ސޮމާލިޔާއާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގެ ހާލަތު މިކަމުގެ ހެއްކަކަށް ފުދެ އެވެ.

ސައޫދީ އަކީ އަރަބި މަދު ގައުމުތަކެއް ގުޅިގެން ހަދާފައިވާ ކޯލިޝަނެއްގެ ދަށުން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވެސް ވަދެ ހަނގުރާމަ ކުރަމުންގެންދާ ގައުމެކެވެ. ސޫރިޔާގެ ހަނގުރާމައާ ޚިލާފަށް ޔަމަންގައި ސައޫދީން މަސައްކަތް ކުރަނީ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަން ދެމެހެއްޓުމަށެވެ. ހާދީގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ހޫޘީންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް ބަލިކޮށްލުމަށެވެ.

ޔަމަނާއި ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ސިޔާސީ ބޭނުންތަކުގައި ސައޫދީން ވަދެފައިވާއިރު ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާއަތްތަކަށް ސައޫދީން ހަތިޔާރެއް ނުލިބެ އެވެ. ފަލަސްތީނަށް ސައޫދީން ފޯރުކޮށްދެނީ އިންސާނީ އެހީތަކެވެ. (ނޫސްއެޖެންސީތައް)