29 Jun 2011, 08:57
ދުނިޔެއާ ވަރަށް ގާތުން ޖައްވީ ހިލަގަނޑެއް ނުވަތަ އެސްޓްރޮއިޑެއް މިދިޔަ ހޯމަދުވަހު ހިނގައްޖެކަމަށް ފަޒާއާބެހޭ އެމެރިކާގެ އެޖެންސީ ނާސާ އިން ބުނެފި އެވެ.
2011 އެމް.ޑީ ގެ ނަމުން ނަންދީފައިވާ މި އެސްޓްރޮއިޑް ގެ ބޮޑުމިނަކީ ގާތްގަނޑަކަށް ފަރިންސަޖަރު ބޮޑު ބަހެއްގެ ސައިޒް އެވެ. މި އެސްޓްރޮއިޑް ދަތުރުކޮށްފައިވަނީ ދުނިޔެއާ އެންމެ 12 ހާސް ކިލޯމީޓަރުގެ ކައިރިން ކަމަށާ މިއީ ދުިނޔެ ވަށައިގެން އެނބުރޭ ބައެއް ސެޓްލައިޓްތައް ހުރި މިންވަރަށްވުރެވެސް ދުނިޔޭގެ ސަތްޙާ ކައިރި މިންވަރެއް ކަމަށް ނާސާގެ ޢިލްމުވެރިން ބުނެއެވެ.
2011 އެމް.ޑީ އެސްޓްރޮއިޑްގެ ސައިޒް ކުޑަކަމުން އޭތި ދުނިޔޭގެ ވައިގެ ފަށަލަ ހުރަސްކޮށް ބިމަށް ވެއްޓުމުގެ ބިރުނެތް ކަމަށާ މި އެސްޓްރޮއިޑް ދުނިޔެއާ އެންމެ ގާތްވެފައިވަނީ ސައުތް ޕޯލް ސަރަޙައްދުން ކަމަށްވެސް "ނާސާ" ގެ ޢިލްމުވެރިން ބުނެއެވެ. މި އެސްޓްރޮއިޑް ދަތުރުކުރި ރޮނގު ކޮމެޓެއްގެ ސިފާގައި ފެނުނު ކަމަށް ޓެލެސްކޯޕްތަކުން މިމަންޒަރު ބެލި އާންމުން ބުނެފައިވެއެވެ.
ފެބްރުއަރީ މަހުވެސް ސީ ކިޔޫ ވަން ނަމަކަށްކިޔާ އެސްޓްރޮއިޑެއް ދުނިޔޭގައި ނުޖެހި ދުނިޔެއާ ވަރަށް ގާތުން ދަތުރުކޮށްފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. -- އަލްޖަޒީރާ