28 Jun 2011, 19:46
ކޮންޓްރޯލުން ނެއްޓި މާލެ އާއި އަތޮޅުތަކުގައި ފެތުރެމުން އަންނަ ޑެންގޫ ހުން ޖެހިގެން 24 ގަޑިއިރު ނުވަނީސް ދެ ވަނަ ކުއްޖަކު މަރުވެއްްޖެ އެވެ.
ޑެންގޫ ހުމަށް ފަރުވާ ދެމުން ދަނިކޮށް ހަވީރު އައިޖީއެމް ހޮސްޕިޓަލްގައި ނިޔާވީ އުމުރުން އެންމެ ހަ އަހަރުގެ އއ. ތޮއްޑޫ ހެލެބެލިގަސްދޮށުގޭ އައިޝަތު ހިބާ އެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހަކު ދެންމެ ބުނީ ހުންގަދަވެން ރޭގެ ވަގުތެއްގައި ރަށުން ގެނައި ހިބާ ނިޔާވީ ހަވީރު ކަމަށެވެ.
ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހިބާ އެ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އިއްޔެ ކަމަށާއި އޭނާ ނިޔާވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހަވީރު 4:45 އެހާކަންހާއިރު ކަމަށެވެ.
ހިބާގެ ހަށިގަނޑު މިހާރު ވަނީ ހިނަވައި ވަޅުލުމަށް އާ ސަހަރާ އަށް ގެންގޮސްފަ އެވެ.
ަހަލުއިކަމާ އެކު އަތޮޅުތަކާއި މާލޭގައި ފެތުރެމުންދާ ޑެންގޫ ހުން ޖެހިގެން ނުވަ މަހުގެ ކުއްޖަކު ވެސް ރޭގެ ވަގުތެއްގައި ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މަރުވެފަ އެވެ.
އާދަޔާ ޚިލާފު ބާރުމިނެއްގައި ޑެންގޫ ހުން ފެތުރެމުންދާތީ މަދިރި ކޮންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެވެ.
ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ އެ ޕްރޮގްރާމް ފައްޓާނީ އަންނަ ހަފްތާގައި އިފްތިތާޙު ކުރުމަށް ފަހު ކަމަށެވެ. އެ ޕްރޮގްރާމް އެކުލަވައިލެއްވުމަށް ޓަކައި ވަޒީރުންގެ ކޮމިޓީއެއް ވެސް މިއަދު ހޮވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަދިރި ކޮންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އިރު، މިދުވަސްވަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ވަރަށް ބާރު ސްޕީޑެއްގައި ޑެންގޫ ހުން ފެތުރެމުންދާ ކަމަށާއި ޑެންގޫ ޖެހޭ މިންވަރު ޕީކަށް އަރާފައިވާ ކަމަށް ސެންޓާ ފޯ ހެލްތު އެންޑް ޑިސީޒް ކޮންޓްރޯލް [ސީއެޗްޑީސީ] އިން މިއަދު ވަނީ ބުނެފަ އެވެ.
އެ ސެންޓަރުގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ފާތުމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވީ 2006 ވަނަ އަހަރުގެ ފަހުން ޑެންގޫ ޖެހޭ މިންވަރު އިތުރުވެގެން ދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށާއި ޑެންގޫ ކޮންޓްރޯލް ކުރުމުގެ މަސައްކަތް އަތޮޅުތަކާއި މާލޭގައި ވެސް އެ ސެންޓަރުގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމަށް އެ ސެންޓަރުގެ ފަރާތުން މާލޭގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރުމުން އެ ތަންތަނުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށެވެ.
"ރަށްރަށުގައި މަދިރި ކޮންޓްރޯލް ކުރާނެ ގޮތުގެ މައުލޫމާތު ދެމުން މިގެންދަނީ. މީގެ އިތުރުން މާލޭގައި އެކިއެކި ސައިޓްތައް ބަލައި ފާސްކުރުމަކީ މިސެންޓަރުން ކުރަމުން ގެންދާ ކަމެއް. މިހާރު ވެސް އެ މަސައްކަތް ކުރިއަށް އެބަދޭ. ސްކޫލްތައް ނުވަތަ ސަރުކާރުގެ އިދާރާތަކުގައި ހުންނަ ފެންހަރުލާ ފަދަ ތަންތަން ޗެކްކޮށް ރަނގަޅު ކުރުމަށް އެދުމުން ވެސް ހުރެދާނެ ނުކޮށް،" ނަޒްލާ ވިދާޅުވި އެވެ.
އެ ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ޖޫން މަހުގެ 18ގެ ނިޔަކަށް މުޅި ރާއްޖެ އިން 1289 މީހެއްގެ ގައިން ޑެންގޫ ހުން ފެނިފައިވާ އިރު މިދިޔަ އަހަރުގެ ނިޔަލަށް އެބަލި ފެނިފައި ވަނީ 401 މީހުންގެ ގައިންނެވެ. އަދި މި އަހަރުގެ މިހާތަނަށް 27،470 މީހަކަށް ވައިރަލް ފީވާ ޖެހިފައިވާ އިރު މާލެ އިން އެބަލި ޖެހިފައި ވަނީ 5519 މީހަކަށް ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް ވައިރަލް ފީވާ ޖެހުނު މީހުންގެ އަދަދު 26،062 އަށް އަރާފައިވާ އިރު މާލޭން އެބަލި ޖެހިފައި ވަނީ 5276 މީހަކަށެވެ.