ދުނިޔޭގެ ލޯ އަމާޒުވެފައިވާ ބްރެޒިލް ޒުވާން ފޯވާޑް ނޭމާ ހޯދަން ޔޫރަޕްގެ ފަސް ކްލަބަކުން މަސައްކަތްކޮށް 40.5 މިލިޔަން ޕައުންޑްގެ ރިލީޒް ފީ ދައްކަން އެއްބަސް ވެފައިވާކަމަށް ނޭމާގެ ކްލަބް ސަންޓޯސް އިން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުން ނޭމާ ހޯދަން މަސައްކަތްކުރަނީ ރެއާލް މެޑްރިޑާއި ބާސެލޯނާއާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީ އާއި ރަޝިޔާގެ ކްލަބެއް ކަމަށްވާ އަންޒީ މަކަޗްކަލާއެވެ. ރައީސް ލުއިސް އަލްވާރޯ ޑި އޮލިވޭރާ ރިބޭރޯ ވިދާޅުވީ އެ ކްލަބްތަކަށް ނޭމާއާއި ވާހަކަތަކަ ދެއްކުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

"އަހަރެމެން އެއްވެސް ކުޅުންތެރިއެއް ވިއްކާކަށް ބޭނުމެއް ނޫން. އެކަމަކު ސަންޓޯސްއާއި ކޮންމެ ކުޅުންތެރިއެއް ވެސް ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރިލީޒް ދެވޭ މާއްދާއެއް އޮވޭ. ޔޫރަޕްގެ ފަސް ކަލަބަކުން މިހާރު ނޭމާގެ ރިލީޒް ފީ ދެއްކުމަށް ވަނީ އެއްބަސްވެފައިވޭ،" ސަންޓޯސްގެ ރައީސް ބުންޏެވެ.

މިދިޔަ ސީޒަންގެ މެދުތެރޭގައި އިނގިރޭސިވިލާތުގެ ޗެލްސީން ވަނީ އެކި އަގު ނޭމާއަށް ކިޔައިގެންވެސް ގެންދެވޭގޮތް ނުވެފައެވެ. އޭގެ ފަހުން ނޭމާވަނީ ސަންޓޯސްއާއިއެކު އިތުރު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.