14:30


ހޮޓާ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނުގެ ކައުންޓަރުގައި ބިދޭސީން ބޭތިއްބުން މަނާކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވޮލޮޕްމަންޓުން ބުނެފި އެވެ.


އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު މުމްތާޒު މިއަދު ވިދާޅުވީ އެފަދަ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ކުރަމުން އަންނަ ކަމަށާއި އެކަންތައް ކުރުމަށް އެ މިނިސްޓްރީން ނިންމީ ކައުންޓަރުތަކުގައި ބިދޭސީން ތިބުމުން އާއްމު ފަރާތްތުން ލިބެމުންދާ ތަފާތު ޝަކުވާތަކާ ގުޅިގެން ކަމަށެވެ.


އެގޮތުން ބައެއް ފަހަރު އުމުރުން ދުވަސްވީ މީސްމީހުނަށް ލާރި މާރުކޮށްފައި ދިނުމުގައި މަދުން ލާރި ދޭ މައްސަލައާއި މުއާމަލާތްކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ މައްސަލައާއި، ހޯދަން ބޭނުންވާ މައުލޫމާތު އެފަރާތްތަކުން ނުލިބޭ ކަމުގެ ޝަކުވާތައް ހިމެނޭ ކަމަށްވެސް މުމްތާޒު ވިދާޅުވި އެވެ.


މުމްތާޒު އިތުރަށް ވިދާޅުވީ އިމްޕޯޓްމުދާ ވިއްކާ ހުރިހާ ތަނެއްގައާއި ހިދުމަތްދޭ ހުރިހާތަނެއްގައި ބިދޭސީން ނުބެއިތިއްބުމަށް މިގާވާއިދުގެ ދަށުން ބާރުއަޅާނެ ކަމަށެވެ. އަދި ބިދޭސީންގެ މަސައްކަތުގައި ބޭތިއްބުމަކީ ލޭބަރ މިނިސްޓްރީގެ މަސައްކަތެއް ނަމަވެސް އެ ވަޒީފާއަކީ ލޭބަރ މިނިސްޓްރީ ދޭ ކޯޓާގެ ތެރޭގައި ވެސް ނުހިމޭނެ ކަމެއް ކަމަށްވާތީވެ އެކަމާ ބެހޭ ގޮތުން އެމިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށްވެސް މުމްތާޒު ވިދާޅުވި އެވެ.


މިކަމާ ގުޅިގެން އެ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި މިފަދަ ގަވާއިދެއް އެކުލަވާލުމުގެ ކުރިން ވެސް ބިދޭސީންގެ ބަދަލުގައި ދިވެހިން ކައުންޓަރުތަކަށް ބަދަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފަ އެވެ.