21 Feb 2017, 16:09
މެލޭޝިޔާގެ ބައެއް ޒުވާނުންނާއި ރާއްޖޭގެ ބައެއް ޒުވާނުން ހިމެނޭ ގޮތަށް ރަފީ ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން "މެލޭޝިޔާ-މޯލްޑިވްސް ޔޫތު ޑައިލޮގެ"އް މިއަދު ހުޅުމާލޭ ރެހެންދި ސްކޫލްގައި ބާއްވައިފި އެވެ.
ދެ ގައުމުގެ ޒުވާނުންގެ އެ މަޝްވަރާގައި ޖުމްލަ 83 ފަރާތަކުން ބައިވެރިވި އެވެ. އެގޮތުން މެލޭޝިއާގެ 41 ފަރާތެއް އެ މަޝްވަރާގައި ބައިވެރިވިއިރު، ދިވެހި 42 ޒުވާނަކު ބައިވެރިވި އެވެ.
ރަފީ ޖަމިއްޔާގެ ރައީސާ އައިޝަތު ރަފިއްޔާ "ސަން"އަށް ވިދާޅުވީ މެލޭޝިއާ އާއި ރާއްޖޭގެ ޒުވާނުންގެ އެ މަޝްވަރާތަކަކީ ރާއްޖޭގައި ބޭއްވި އެފަދަ ފުރަތަމަ މަޝްވަރާ ކަމަށާއި ކުރިއަށް އޮތް ކޮންމެ އަހަރު ވެސް އެ މަޝްވަރާތައް ބާއްވަން ގަސްތުކުރާ ަަކަމަށެވެ.
"މިހާރު އައިވައިސީން އިންވައިޓްކޮށްފައި އިނީ މި އަންނަ އަހަރު މެލޭޝިޔާ އަށް ދާން. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު މެންގެ ކުދިންކޮޅު ގޮވައިގެން އަންނަ އަހަރު މެލޭޝިޔާ އަށް ދާނީ. މި ޑައިލޮގް އިތުރަށް ދެން އިނީޝިއޭޓް ނެގުމަށްޓަކައި،" ރަފިއްޔާ ވިދާޅުވި އެވެ.
އެ މަޝްވަރާ ހާއްސަކޮށްފައި ވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޒުވާނުން ހާއްސަކޮށްފައިވާ ތިން މައުޟޫއު ކަމަށްވާ އެޑިއުކޭޓް، އެމްޕަވާ އަދި އެމްޕްލޯއީގެ މައްޗަށެވެ. ރަފިއްޔާ ވިދާޅުވީ، މެލޭޝިޔާގެެ ޒުވާނުންނާއި ރާއްޖޭގެ ޒުވާނުން އެއްކޮށްލައިގެން ޖުމްލަ ތިން ގްރޫޕެއްގެ ތެރޭގައި ޔޫއެންގެ ސަސްޓެއިނަބަލް ގޯލްސްގެ ތެރޭގައި ހިމެނޭ ތިން މައުޟޫގެ މައްޗަށް މިހާރު ހުރި ހުރަސްތަކާއި ފުރުސަތުތައް ފާހަގަކޮށްފައިވާ ކަމަށެވެ.

"މެލޭޝިޔާ މޯލްޑިވްސް ޔޫތު ޑައިލޮގް" ގެ ބައިވެރިޔަކަށް ސެޓްފިކެޓް ހަވާލުކުރަނީ---
"މީގެން އަސްލު އަޅުގަންޑުމެންނަށް ވަރަށް ބޮޑު އެއްޗެއް ދަސްވެއްޖެ. އެހެންވީމަ ކަމަބެހޭ ފަރާތްކަށާއި މެލޭޝިޔާގެ ސަރުކާރަށާއި އަދި ދިވެހި ރާއްޖޭގެ ސަރުކާރަށް ވެސް ރިޕޯޓެއް ތައްޔާރު ކުރުމަށްފަހު ހުށަހަޅާލާނަން. އެހެންވީމަ ދެން މީގެން ވަރަށް ރަނގަޅު މަގުސަދެއް ހާސިލްވި ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ރަފިއްޔާ ވިދާޅުވިއެވެ.
ރެހެންދި ސްކޫލްގައި މިއަދު ބޭއްވި މަޝްވަރާގައި ބައިވެރިވި ކުދިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ރަފިއްޔާ ވިދާޅުވީ، ރަފީ ޖަމިއްޔާ އުފެދުމުގެ ކުރިންވެސް އެކަހަލަ ފޯރަމްތަކާއި މަޝްވަރާ ތަކުގައި ބައިވެރިވެ ނުހަނުު ގިނަ ތަޖުރިބާ ކޮށްފައިވާނެ ކަމަށެވެ. އަދި ދެން ހިމެނޭ އޭސިޔަން ޔޫތު ސެންޓަރާއި އިންޓަނޭޝަނަލް ޔޫތު ސެންޓަރުން ވެސް ވާނީ ބޮޑެތި ތަޖުރިބާކޮށްފައިވާ ކަމަށެވެ.

"މެލޭޝިޔާ މޯލްޑިވްސް ޔޫތު ޑައިލޮގް" ގެ ބައިވެރިޔަކަށް ސެޓްފިކެޓް ހަވާލުކުރަނީ---