21 Feb 2017, 15:34
ލުމިނެކްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާތަކެއް އޮޅިގެން އެހެން ކުންފުންޏެއްގެ އެެކައުންޓަށް ފިނޭންސް މިނިސްޓްރީން ޖަމާކޮށްފައިވާތީ އެ ފައިސާ އަނބުރާ ޖަމާކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ހ. ހޭޒަލް އަބްދުއްސައްތާރު އަހުމަދު މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓެއް ކަމުގައިވާ ލުމިނެކްސްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އޮޅިގެން ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޖަމާކޮށްފައި ވަނީ 524077.25 ރުފިޔާއެވެ.
އެކުންފުނީގެ އެކައުންޓުގައި މިހާރު ހުރި ޖުމްލަ 481578.11 ރުފިޔާ މޮރީޝަލް ކޮމާޝަލް ބޭންކުގައި ހުޅުވާފައިވާ ލުމިނެކްސް ޕްރައިވެޓްގެ އެކައުންޓަށް ދިހަ ދުވަހުގެ ތެރޭގައި ޖަމާކުރުމަށް ބީއެމްއެލްގެ މައްޗަށް ސިވިލް ކޯޓުން ވަނީ އާދީއްތަ ދުވަހު ހުކުމް ކޮށްފައެވެ.
އޮޅިގެން އެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 42449.14 ރުފިޔާ އެ ކުންފުނިން ވަނީ ބޭނުންކޮށްފައެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ބޭނުންކުރި ފައިސާ އަނބުރާ ދިނުމާ މެދު ދެ ކުންފުންޏަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީ ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ައެ ފައިސާ ނުބައި އެކައުންޓަކަށް ޖަމާކޮށްފައި ވަނީ ދައުލަތުގެ އިހުމާލުން ކަމަށް ދެކި، އެކަމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭނަމަ ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު ލުމިނެކްސް އަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ލުމިނެކްސް އަށް ލިބެންޖެހޭ އެ ފައިސާ އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެ ކުންފުނިން ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށް ނިންމުމާ ގުޅިގެން ދޭންޖެހޭ ފައިސާއެވެ.