28 Jun 2011, 18:40
ސަރުކާރު ހިންގާ ޕާޓީ (އެމްޑީޕީ)ގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗްގައި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ސަރުކާރުގެ ޓީމު ބަލިކޮށްފި ތަށި އުފުލާލައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު 4:15 ކުޅުނު މިމެޗްގައި ޕާލަމެންޓްރީ ގުރޫޕުން ސަރުކާރުގެ ޓީމުގެ މައްޗަށް ކާމިޔާބު ހޯދީ 4-2 އިންނެވެ.
ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ކުރީ ކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނުއިރު، ސަރުކާރު ޓީމްގެ ކެޕްޓަން ރައީސް މުޙައްމަދު ނަޝީދަށް ވެސް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފަ އެވެ. އެގޮތުން މެޗްގެ ކުރީ ކޮޅު ކެޕްޓަން ރައީސް ނަޝީދު ފޮނުވާލި ދެ ފުރުސަތު ވެސް ޕާލަމެންޓްރީ ޓީމްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިވަނީ ޕާލަމެންޓްރީ ގްރޫޕްގެ ޓީމުން ނެވެ. އެގޮތުން ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ. އަދި އަލީ ރިއާޒް ވަނީ އިތުރު ލަނޑެއް ވެސް މި މެޗްގައި ޖަހާފަ އެވެ. ޕާލަމެންޓްރީ ގްރޫޕް އިން ޖެހި އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، މިދިޔަ މަހު އެމްޑީޕީއަށް ސޮއިކުރި އަދި މިއަދުގެ މެޗްގެ މޮޅު ކުޅުން ތެރިޔާގެ ރަން ބޫޓް ހޯދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ.
ސަރުކާރުގެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކުޅުވަރާ ބެހޭ ވަޒީރު ހަސަން ލަތީފް އެވެ. އޭގެ ތެރެއިން ހަސަން ލަތީފް ޖެހި ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ.
ތިރީސް މިނިޓްގެ ދެ ހާފު ކުޅުނު މި މެޗުގައި ދެ ޓީމުގެ ކުޅުންތެރިން ވެސް ތިބީ އެމްޑީޕީގެ ހަ ވަނަ އަހަރީ ދުވަސްކަން އަންގައިދޭ ގޮތަށް ޖާޒީގައި ހައެއް ޖަހައިގެންނެވެ.
މި މެޗުގައި ސަރުކާރުގެ ޓީމުގެ ކެޕްޓަނަކީ ރައީސް މުހައްމަދު ނަޝީދެވެ. ޕާލަމެންޓްރީ ގުރޫޕުގެ ކެޕްޓަނަކީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މި މެޗުގައި ކުޅުންތެރިންގެ ޖާޒީގެ ނީލަމުގައި އެންމެ މަތީ އަގެއް ހުށަހަޅައިގެން ވިކިފައި ވަނީ ރައީސް ނަޝީދުގެ ޖާޒީ އެވެ. އެ މަނިކުފާނުގެ ޖާޒީ އަގު ނީލަމުގައި ވަނީ 111000 ރ. އަށް އަރާފަ އެވެ.
މެޗުގެ ޖާޒީ ވިއްކާލައިގެން ލިބޭ ފައިސާގެ ތެރެއިން 50 ޕަސެންޓް ހަދިޔާ ކުރަނީ ޓައިނީ ހާޓްސް އަށް ކަމަށް ވެސް އެމްޑީޕީން މައުލޫމާތު ދެއެވެ.
މިމެޗްގެ ޝަރަފުވެރި މެހެމާނަކީ ރައްޔިތުން މަޖިލިސްގެ ރައީސް އަބްދުއްﷲ ޝާހިދެވެ. މެޗް ބައްލަވާލުމަށްޓަކައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ހާޒިރުވެފައެވެ.
http://www.youtube.com/watch?v=sd91PwKxCfA