އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ރ. ދުވާފަރުގައި ކެމިކަލް ޖެހުމުން، އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް މާލެ ގެނެސްފި އެވެ.

ކޮން ބައެއްކަން ނޭނގޭ ބަޔަކު ދިން އެ ހަމަލާގައި ޒަހަމްވެފައި ވަނީ ދުވާފަރު ނީލަމްގޭ، އިބްރާހިމް މުހައްމަދު، 71، އަހަރު އެވެ.

ދުވާފަރު ކައުންސިލުން ބުނީ އިބްރާހިމް މުހައްމަދުގެ މޫނަށް ކެމިކަލް ޖަހާފައި ވަނީ ރޭ ފަތިހު 5:30 ކަންހާއިރު އޭނާ ފަތިސް ނަމާދަށް ދިއުމަށް ގެއިން ނުކުތް ވަގުތު ކަމަށެވެ. ދުވާފަރުން އޭނާއަށް ފަރުވާ ދިނުމަށްފަހު ހެނދުނު 7:30 ހާއިރު އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

އުނގޫފާރު ހޮސްޕިޓަލްގެ އިންފޮމޭޝަން އޮފިސަރު ހަސަން ފަޒީލް 'ސަން'އަށް ވިދާޅުވީ އިބްރާހިމް މުހައްމަދުގެ އެއް ލޮލަށް ނުފެންނަ ކަމަށް ބުނެފައިވާ ކަމަށާއި އިތުރު ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައި ވާތީ މިއަދު މެންދުރު 12:20ގެ ފްލައިޓުން މާލެ ފޮނުވާލާފައިވާ ކަމަށެވެ.

"އޭނާގެ މޫނަށް ވަނީ ކެމިކަލް ޖަހާފައި. ނަމަވެސް އެއީ ކޮން ބާވަތެއްގެ ކެމިކަލްއެއް ކަމެއް ބުނާކަށް ނޭނގޭ،" ފަޒީލް ވިދާޅުވިއެވެ.

ކެމިކަލް ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިބްރާހިމް މުހައްމަދު ދިރިއުޅެމުން ދަނީ އޭނާގެ އާއިލާއާ އެކުގައެވެ. އަދި އޭނާގެ އަތްބަކާއި ދެ އަންހެން ދަރިންގެ އިތުރުން ހަތަރު ފިރިހެން ދަރިން ވެސް ހުރުއެވެ.

ދީނީ ކަންކަމަށް ހާއްސަ އިސްކަމެއްދޭ އިބްރާހިމް މުހައްމަދު ކުރިން މަސްވެރިކަން ކުރި ނަމަވެސް މިހާރު އޭނާ ރަށުގައި ހަރަކާތްތެރިވަނީ ޖަމާއަތްތެރިއެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުގައި ޅ. ޅައިމަގުން ވެސް ވަނީ އަންހެނެއްގެ މޫނަށް ކެމިކަލް ޖަހާފައެވެ.