21 Feb 2017, 13:55
މާލޭ ލީގުގައި އަންނަ ހޮނިހިރު ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ކުޅުމަށް ހަމަޖެހުނު މެޗު ފަސްކޮށްފި އެވެ.
އެފްއޭއެމުން ބުނީ، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުމަށް ކުރިން ހަމަޖެހިފައިވާ އެ މެޗު ފަސްކޮށްފައި ވަނީ އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގު މެޗަށް ޖާގަ ލިބުމަށް ދަތިތަކެއް ހުރުމުގެ ސަބަބުން އަންނަ ހުކުރު ދުވަހު އިންޑިއާއަށް ފުރަން ތާވަލުކޮށްފައިވާތީ ކަމަށެވެ.
ފަސްކުރެވުނު ވެލެންސިއާއާއި ނިއު ބައްދަލުކުރާ މެޗު ކުޅޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.
އެފްއޭ ކަޕްގެ ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި ވެލެންސިއާ މިއަދު ހަވީރު މާލޭގައި މޯހަން ބަގާންއާ ދެކޮޅަށް ނުކުންނާނެ އެވެ. އިންޑިއާގައި ކުޅޭ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެ ދެ ލެގު ކުޅެ، އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ލިބިގެންދާނެ އެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޯފް ބުރުން ވެލެންސިއާއަށް ޖާގަ ލިބިފައިވަނީ ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 3-0 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދުމުންނެވެ. ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް، މާލޭގައި ކުޅުނު ދެވަނަ ލެގު މެޗު 3-0 ލަނޑުގެ ނަތީޖާއަކުން ވެލެންސިއާ ވަނީ ކާމިޔާބުކޮށްފަ އެވެ.