ފުލުހުން ހިންގާ ރެޑީ ކޭމްޕް ސިލްސިލާގެ ތެރެއިން ނ. ވެލިދޫގައި ހިންގި 57 ވަނަ ރެޑީ ކޭމްޕު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި އެވެ.

އިއްޔެ ނ. އަތޮޅު ތަޢުލީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާދެއްވީ ނ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު އާދިލް އެވެ.

މިމަހުގެ 16 ން 18 އަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކޫލުގެ ގްރޭޑް 8،9 އަދި 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ 65 ދަރިވަރަކު ބައިވެރިވެފައިވި ކަމަށް ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުންޏެވެ. އެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 31 ފިރިހެން ދަރިވަރުންނާއި 34 އަންހެން ދަރިވަރުންނެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާއި ކުށުގެ ނުރައްކަލުން ދުރުވެތިބެ ގައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެ އެވެ. އެ އާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށް ވެސް އެ ކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެ އެވެ.

އެ ކޭމްޕުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީފައިވެ އެވެ. މީގެ އިތުރުން ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ދީފައިވެ އެވެ.