އެންމެ ހައިރާންވީކަމަކީ ބޮޑު މުބާރާތެއް ކުރިއަށްދާއިރު މުޅި ސްޓޭޑިއަމް އެއްކޮށް ހުސްކޮން އޮތުންކަމަށް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ރާއްޖެ ތަމްސީލްކުރާ ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) ބުނެފިއެވެ.

ބަންގްލަދޭޝް ފުޓްބޯޅަ މިވަގުތު އޮތް ހާލަތާ ގުޅޭގޮތުންދަޑެއިލީ ސްޓާރއަށް ނިޒާމްބެ ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ، ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށްވެސް ދިމާވެފައިވަ ގޮންޖެހުން ބަނގްލަދޭޝް ފުޓްބޯޅައަށްވެސް ކުރިމަތިވެފައިވާ ކަމަށާއި މައްސަލައަކީ ފުޓްބޯޅައަށްވުރެ ބޮޑަށް ކްރިކެޓަށް މީހުންގެ ސަމާލުކަން އިތުރުވެގެންދިޔުން ކަމަށެވެ.

"މީގެ ކުރިން ބަނގްލަދޭޝްއަށް ކުޅުންތެރިއެއްގެ ގޮތުގައި އައިއިރު ވަރަށް މަދު ކްރިކެޓް ކުޅޭ ތަންތަން ހުރިކަމުގައިވިޔަސް މިހާރު ކޮންމެ ފުޓްބޯޅަ ދަނޑެއް ކައިރީގައި ކްރިކެޓް ކުޅޭ ދަނޑެއް އެބައޮތް. ލަންކާ އަތުން ކުރިން ރާއްޖެ ބަލިވާނެ ބޮޑު ތަފާތަކުން ނަމަވެސް މިހާރު ރާއްޖެއިން ލަންކާ ބަލިކުރަނީ. ސަބަބަކީ ފުޓްބޯޅައަށް އޮތް ފޯރި ދަށްވެ ކްރިކެޓްގެ ފޯރި ގަދަވުން. ހަމައެހެން ބަންގްލަދޭޝް ފުޓްބޯޅައަށްވެސް މިވަނީ. އަޅުގަނޑު ހަމަ ހައިރާންވެއްޖެ މިކަހަލަ މުބާރާތެއް ކުރިއަށްދާއިރު ސްޓޭޑިއަމް ހުސްކޮށް އޮތީމަ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ، ދިވެހި ފުޓްބޯޅަ ކުރިއަރުވަން ގިނަ ބަޔަކު މަސައްކަތްކުރާ ކަމަށާއި ސަރުކާރާއި އެފްއޭއެމްވެސް ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެފްއޭއެމްއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އެނޫންވެސް ފަންނީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންދާކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނެފައިވަނީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުންދާ އެއްބަޔަކީ ކިޔަވައިގެންތިބި ކޯޗުން ކަމަށާއި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުމުގައި އެފަދަ ކޯޗުންގެ ހިއްސާ ބޮޑު ކަމަށެވެ.

"ހާހަކަށްވުރެ ގިނަ ކޯޗުން ރާއްޖޭގައި އެބަތިބި. އެމީހުން އެންމެ ދަށުން ފެށިގެން އެންމެ މަތީ ފަންތިއާ ހިސާބަށް ކުުޅުންތެރިން ގެންދިއުމުގައި ބުރަކޮށް މަސައްކަތް ކުރޭ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރާ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ފުޓްބޯޅަ އެކަޑަމީތަކަށް އޮތް ތަރުހީބު ކަމަށެވެ. އެގޮތުން 12 ނޫނީ 13 އެކަޑަމީއެއް މިހާރުވެސް ރާއްޖޭގައި ހިންގަމުންދާ ކަމަށާއި އެ އެކަޑަމީތަކުގައި 5000 އަށްވުރެ ގިނަ ކުދިން ތަމްރީންވަމުންދާ ކަމަށެވެ.

ނިޒާމްބެ ބުނީ، ރާއްޖޭގެ ކުޅުންތެރިންގެ އެންމެ ތަފާތު ކަމަކީ ވަކިވަކި ކުޅުންތެރިންގެ ކިބައިގައި ހުންނަ ހުނަރާއި ކުޅުންތެރިންގެ ހަލުވިކަން ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ރަނގަޅު ކުރަންޖެހެނީ ކުޅުންތެރިންގެ ބުންވަރާއި ފިޒިކަލް ކަަމަށްވެސް ނިޒާމްބެ ބުންޏެވެ.

"އަލީ އަޝްފާގް ރިޕްލޭސް ކުރެވޭ ވަރުގެ ޒުވާން ކުޅުންތެރިން ރާއްޖޭގައި އެބަތިބި. ރާއްޖޭގައި މިވަގުތު އޮތް ޒުވާން ޖީލަކީ ވަރަށް ހުނަރުވެރި ވަަރަށް މޮޅު ކުޅުންތެރިން ތިބި ޖީލެއް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެއަކީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ކޯޗެވެ. ޓީސީ ވާދަކުރާ ފުރަތަމަ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ނިޒާމްބެ ވަނީ އެޓީމަށް ޖާގަ ހޯދައިދީފައެވެ. އެއީ ނިޒާމްބެގެ ކޯޗިން ކެރިޔަރުގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ.