28 Jun 2011, 17:44
ބެއިޖިންގ : ބައިނަލް އަގުވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމަށް އަމުރުނެރެފައިވާ ސޫދާނުގެ ރައީސް ޢުމަރު ޙަސަން އަޙްމަދުލްބަޝީރު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ވަޑައިގެންފިއެވެ.
މިއީ ޗައިނާގެ ރައީސް ހޫޖިންޓާއޮގެ ދަޢްވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަލްބަޝީރުގެ ރިޔާސީ މަތިންދާބޯޓު ދަތުރުކުރާ މަގު ބަދަލުކުރަން ޖެހުމުގެ ސަބަބުން އޭނާއަށް ބެއިޖިންގ އަށް ވަޑައިގެންނެވުނީ ކަނޑައެޅިފައިވާ ގަޑިއަށްވުރެ އެތަށް ގަޑިއިރެއް ލަހުންނެވެ.
ޗައިނާއަކީ ސޫދާނުގައި އިޤްތިސާދީ ގޮތުންނާއި އުމްރާނީ ތަރައްޤީގެ ރޮނގުގައި އެތަށް ބިލިޔަން ޑޮލަރެއްގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން ގެންދާ ޤައުމެކެވެ. މީގެތެރޭގައި ތެލުގެ ސިނާޢަތު ހިމެނެއެވެ.
ސޫދާނުގެ ނަސްލީ ގަޑުބަޑު ހިނގަމުންދާ ދާރުފޫރު ސަރަޙައްދުގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާއި ހަނގުރާމައިގެ ޖަރީމާ ހިންގިކަމަށް ބުނެ ރައީސް އަލްބަޝީރު ހައްޔަރު ކުރުމުގެ އަމުރެއް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން، 2007 ވަނަ އަހަރު ނެރެފައިވެއެވެ.
ބައިނަލްއަޤްވާމީ ކޯޓުގެ އަމުރަށްފަހުވެސް ދުނިޔޭގެ އެތަށް ޤައުމަކަށް މިނިވަންކަމާއެކު ރައީސް އަލްބަޝީރު ދަތުރު ކުރައްވާފައިވާތީއާއި އޭނާ ހައްޔަރުކޮށް ބައިނަލްއަޤްވާމީ ކޯޓާ ޙަވާލުނުކުރާނެކަން ބައެއް ޤައުމުތަކުން ހާމަކޮށްފައިވާތީ ބައިނަލްއަޤްވާމީ ކޯޓުގެ މިއަމުރަކީ ސިޔާސީ ކުލަވަރުޖެހިފައިވާ އަދި އިންސާފުން އެއްކިބާވެފައިވާ އަމުރެއްކަމަށް އެޤައުމުތަކުން ދެކޭކަން ހާމަވާކަމަށް މުރާސިލުން ބުނެއެވެ.
އަލްބަޝީރު ޗައިނާއަށް ކުރައްވާ ޒިޔާރަތާގުޅިގެން އެމެރިކާ ޗައިނާއަށް ފާޑުކިޔުމުން ޗައިނާވަނީ އެޤައުމަކީ ބައިނަލްއަޤްވާމީ ކޯޓުގެ މުޢާހަދާގައި ބައިވެރިނުވާ ޤައުމަކަށްވާތީ އެކޯޓުގެ އަމުރަށް ތަބާވާންނުޖެހޭ ކަމަށްބުނެ އެމެރިކާއަށް ރައްދު ދީފައެވެ.
އަލްބަޝީރުގެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ހޫޖިންޓާއޮ އާއި ބޮޑުވަޒީރު ވިންޖިޔާބާއޮ އާއި ޕާލަމެންޓްގެ ރައީސް ވޫ ބަންގްޔޫ އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުލިބެއެވެ.
ސޫދާނުގެ ދާރުފޫރު ސަރަހައްދުގައި 2003ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ފަރުދީގޮތުން ބަޝީރު ފަރުދީ ގޮތުން ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ބުނެ އޭނާ ހައްޔަރުކުރުމުގެ އަމުރު ބައިނަލް އަގުވާމީ ޖިނާއީ ކޯޓުން ނެރެފައި ވަނީ 2008 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުއެވެ. ނަމަވެސް އެއަމުރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށް ބަޝީރު އޭރުވެސް ވިދާޅުވެފައިވެއެވެ. އަދި އެއަމުރު ނެރުނު ފަހުން ވެސް އޭނާ ވަނީ ގައުމުން ބޭރަށް މީގެ ކުރިން ވެސް ބައެއް ދަތުރުފުޅުތައް ކުރައްވާފައެވެ. -- އަލްޖަޒީރާ / ޖަވާދު