ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގެ އިތުރުން ޓީވީ ޑްރާމާތަކުން ވެސް ފެނިގެން ގޮސްފައިވާ ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ދެކެވެމުން އަންނަ ޚަބަރުތައް އޭނާ ދޮގު ކޮށްފި އެވެ.

ސޯޝަލް މީޑިއާ ގައި ދައުރުވަމުން އައި ޕޯސްޓުތައް ދޮގު ކުރަމުން ފަރީދާ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އަދި ހުރީ ދުޅަހެޔޮ ކަންމަތީގައި ކަމަށެވެ.

އަދި އޭނާ މަރުވި ކަމަށް ބުނެ ވާހަކަތައް ދެކެވެން ޖެހޭ ސަބަބު ނުވިސްނުނު ކަމަށް ވެސް އުމުރުން 67 އަހަރުގެ ފަރީދާ ބުނެފައިވެ އެވެ.

"އަހަންނަކަށް ނޭނގޭ މިފަދަ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް އައީ ކޮން ތަނަކުން ކަމެއް ވެސް. ފުރަތަމަ އަހަރެން ގާތަށް އައީ ހިނި. އެކަމަކު ވަރަށް ގިނަ މީހުން އެބަ ގުޅާ. މިހާރު މި ވާހަކަތަކުގެ ސަބަބުން އުނދަގޫ ވެއްޖެ،" ފަރީދާ ބުނެފައިވެ އެވެ.

ފަރީދާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އިމްރާން ޚާންގެ ކުރިއަށް އޮތް ފިލްމު 'ސަރްގޯޝިޔާން' އިންނެވެ. އެ ފިލްމުގައި އޭނާ އަދާކުރާނީ ކަޝްމީރު އަންހެނެއްގެ ރޯލެވެ.

ފަރީދާ ވަނީ މިހާތަނަށް 200 އަށް ވުރެ ގިނަ ހިންދީ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި 'ކުޗް ކުޗް ހޯތާ ހޭ'، 'ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ'، 'ކަބީ ޚުޝީ ކަބީ ގަމް' ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން 'ޝަރާރަތު' ފަދަ ކާމިޔާބު ޓީވީ ޑްރާމާތަކުން ވެސް ފަރީދާ ވަނީ ފެނިގެން ގޮސްފަ އެވެ.