ގދ. ތިނަދޫ ގަރާޖެއްގެ ތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާ އާއިލާއަކާ ހަވާލުކުރުމަށް މާލެ ގެންނަން ނިންމައިފި އެވެ.

ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ތިނަދޫން މިދިޔަ އަންގާރަ ދުވަހު ފެނުނު ތުއްތު ފިރިހެން ކުއްޖާ އާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ނައިބު ފާތުމަތު އާފިޔާ މިއަދު ވިދާޅުވީ ވަރަށް ގިނަ ބަޔަކު އެ ކުއްޖާ ހޯދަން އެދޭތީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ކުއްޖާ މާލެ ގެންނާނެ ކަމަށެވެ.

"ހޮސްޕިޓަލުން ދޫކޮށްލީމާ )ކުއްޖާ( މިކޮޅަށް ގެންނާނެ. މި ބަލަނީ ދެ ދުވަހެއްގެ ތެރޭގައި )ހޮސްޕިޓަލުން( ދޫކޮށްލާނެ ކަމަށް. މިކޮޅަށް ގެނައުމުގެ ކަންކަން ކުރިއަށް އެބަދޭ،" އާފިޔާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު އެ ކުއްޖާ ހޯދަން އެދިފައިވިޔަސް ހަވާލު ކުރާނީ މިނިސްޓްރީގެ ބޯޑަކުން ބެލުމަށް ފަހު ކަނޑައަޅާ ޝަރުތުތަކަކާއި މިންތަކަކަށް ފެތޭ ފަރާތަކަށް ކަމަށް ވެސް އާފިޔާ ވިދާޅުވި އެވެ.
"ބޯޑުން ވަރަށް ރަނގަޅަށް ބަލާފައި އެ ކުއްޖާ އާއިލާއަކާ ހަވާލުކުރާނީ،" އާފިޔާ ވިދާޅުވި އެވެ.

ދެ ދުވަހެއްގެ ތެރޭގައި ކުއްޖާ މާލެ ގެންނައިރު އެ ކުއްޖާ އާއިލާއަކާ ހަވާލުކުރެވެންދެން އެ ކުއްޖާގެ ހުރިހާ ކަމެއް ބަލަހައްޓާނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކަމައް ވެސް އާފިޔާ ވިދާޅުވި އެވެ.