ކުޑައިއްބެ އަކީ އޭނާގެ ލަވަތަކުން އަބަދުވެސް ތަފާތެއް ގެނެސްދޭ ފަންނާނެކެވެ. ދެހާހުގެ އަހަރުތަކުގައި ފުރަތަމަ އިއްބެ ނެރުނު ވީޑިއޯ ލަވައަކީ "އެދެމޭ ކަލާޔާ" އެވެ. އެއަށްފަހު ދިވެހިންގެ ހީބިހި ނަގުވާލި ލަވަތަކަށް ފަހު މިއަދު އަނެއްކާވެސް މި ފެނުނީ އިއްބެގެ ތަފާތު މަސައްކަތެކެވެ.

އަމިއްލަ ރާގު އުފެއްދުމުގައި ރާއްޖޭގައި މަގުބޫލު ކޮމްޕޯސަރު އަދި މިއުޒިޝަން، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) ކިޔާފައިވާ "ލޯބިކަން" ވީޑިއޯ ލަވަ މިއަދު ވަނީ ރިލީޒް ކޮށްފަ އެވެ.

ޓޮނިކް ލައިވް ސްޓޫޑިއޯ އާއި ސަންޝައިން ޕްރޮޑަކްޝަން ގުޅިގެން އުފެއްދި އެ ލަވަ މިހާރު ވަނީ ޓޮނިކް ލައިވް ސްޓޫޑިއޯގެ ޔޫޓިއުބް ޗެނަލަށް އަޕްލޯޑްކޮށްފަ އެވެ. އެ ލަވައިގެ އެންމެ މަންޒަރެއް ފިޔަވާ އެހެން ހުރިހާ މަންޒަރުތައް ނަގާފައި ވަނީ އއ. ތޮއްޑޫގަ އެވެ.

ކުޑަ އިއްބެގެ ލަވައިން ފެނިގެންދާ ޝިޔާ މުހައްމަދު: އޭނާއަކީ މި ދާއިރާ އަށް އަލަށް ނުކުތް ޒުވާނެއް.

ލަވައިގެ މަސައްކަތާ ގުޅޭގޮތުން ކުޑައިއްބެ "ސަން" އަށް ބުނީ، މިއީ އޭނާ މިހާތަނަށް ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ބުރަ މަސައްކަތް ކަމަށެވެ. އަދި ހުސައިން މުނައްވަރު ފަދަ ފަރާތަކާ އެކު ލަވައިގެ މަސައްކަތް ކުރަން ލިބުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ބުންޏެވެ.

ކުރު ލޯބީގެ ފިލްމެއްގޮތަށް މަންޒަރުތައް ފެންނަ އެ ލަވައިގައި ފެންނަނީ އިއްބެ އޭނާ އަލަށް ދަތުރުކުރާ ރަށަކުން ރީތި އަންހެން ކުއްޖެއް ފެނިގެން އެކުއްޖާ ސިފަކޮށް ޅެމެއް ހަދައިގެން ލަވައެއް ކިޔާ ތަނެވެ. ލަވައިގައި އިއްބެއާ އެކު އެކްޓްކޮށްފައި ވަނީ ފިލްމީ ދާއިރާ އަށް އަލަށް ނުކުތް ޝިޔާ މުހައްމަދެވެ. ލަވައިގެ ސިނެމެޓޮގްރަފީ އަދި އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ހުސައިން މުނައްވަރެވެ.

ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ އއ. ތޮއްޑޫގައި.

ލަވައިގެ މަސައްކަތާ ގުޅޭ ގޮތުން ޑައިރެކްޓަރު ހުސެން މުނައްވަރު (ކުޑަފޫޅު) ބުނީ، މިއީ އޭނާ އަށް މިހާތަނަށް ލަވައަކަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ ބުރަ މަސައްކަތް ކަމަށެވެ. އަދި ލަވައާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް ހުސައިން ބުންޏެވެ.

އަމިއްލަ ރާގަކަށް ކިޔާފައިވާ މި ލަވައިގެ ޅެން ހައްދަވާފައި ވަނީ އަލީ ވަހީދެވެ. ކޮސްޓިއުމް ޑިޒައިންކޮށްފައި ވަނީ ސޭންޑީ އެވެ. އަދި މޭކަޕްގެ މަސައްކަތް ކޮށްފައި ވަނީ ރިޝްފާ (އުޒާނި ސެލޫން) އެވެ. ލަވައިގެ މިއުޒިކް ކުޑައިއްބެ ހަދާފައިވާ އިރު، އާޓް ޑައިރެކްޝަންގެ މަސައްކަތް ކޮށްފައި ވަނީ އަލީ މުއީނާއި އަހުމަދު ޝަރުވާން އެވެ.