ގއ.ކޮލަމާފުށީގައި ރައްކާތެރި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ދިވެހި ސަރުކާރާއި އޯޕެކް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ އެ ނިޒާމް ނިމޭއިރު 329 ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓާނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މަޝްރޫއުގެ ދަށުން 7.1 ކިލޯ މީޓަރު ދިގުމިނުގެ ފެންވިއުގައެއް ގާއިމްކުރާއިރު، 86 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓައި އެ ޕުލާންޓްތަކުން ފެން އުފައްދުމަށް 794 ޓަނުގެ ތާންގީއަކާއި ފެން ރައްކާކުރުމަށް 521 ޓަނުގެ ތާނގީއެއް ބަހައްޓާނެ ކަމަށެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން 5.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް، ކުރިއަށް އޮތް ތަނުގައި 500 ޓަނަށް އިތުރުކުރެވޭނެ، 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ކޮލަމާފުށީގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ރަސްމީކޮށް ފެށި ނަމަވެސް، ފެނުގެ ނިޒާމްގެ ދަށުން ގާއިމްކުރާ ފެން ޕްލާންޓްގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ. އަދި ނަރުދަމާގެ ތެރެއިން މިހާރު ކުރިއަށްދަނީ ހޮޅި ވަޅުލުމުގެ މަސައްކަތެވެ.