20 Feb 2017, 18:34
ބަނގްލަދޭޝްގައި މިހާރު ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ގުރޫޕް އޭގައި ބަންގަލެދޭޝްގެ ދާކާ އަބަހާނީއާއި ދެކުނު ކޮރެއާގެ އެފްސީ ޕޮޗިއޮން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މިއަދު ހަވީރު މި މުބާރާތުގެ ގުރޫޕް އޭގައި ކުޅުނު މެޗުގައި މި ދެޓިމު އެއްވަރުވީ 0-0ގެ ނަތީޖާއިންނެވެ.
ދެކުނު ކޮރެއާގެ އެފްސީ ޕޮޗިއޮން އާއި ދެކޮޅަށް، މުބަރާތް ބާއްވާ ދާކާ އަބަހާނީ ކުޅުނުއިރު އެޓީމުންވަނީ ޕޮޗިއޮން ޓީމުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްފައިވަނީ ދެކުނުކޮރެއާގެ ހަތަރުވަނަ ޑިވިޝަނުގެ ޗެމްޕިއަންޓީމް ޕޮޗިއޮން އެވެ.
މި ނަތީޖާއާ އެކު މި ގްރޫޕްގެ އެއްވަނާގައި ވަގުތީ ގޮތުން އޮތީ އެފްސީ ޕޮޗިއޮން އެވެ. ޓީސީ އަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން ޕޮޗިއޮން އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ތިންވަނައިގައި ދާކާ އަބަހާނީ އެއްޕޮއިންޓާއި އެކު އޮތް އިރު އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ކިރިގިސްތަނުގެ އަލްގާ ބިޝްކެކް އެވެ.
ކުޅުނު ދެމެޗުން އެންމެ ޕޮއިންޓެއްލިބިފައިވާތީ މުބަރާތް ބާއްވަ ގައުމު ބަންގަލަދޭޝްގެ ލީގު ޗެމްޕިއަން ދާކާ އަބަހާނީ އަށް ވަނީ ސެމީފައިނަލަށް ދިޔުމަށް ހުރަސްތަކެއްކުރިމަތިވެފައެވެ.