ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) އެންޖީއޯ އިން ކުރިއަށްގެންދާ މިލޭނިއަމް ޔޫތް އެމްބެސެޑާސް ޕްރޮގްރާމަށް ޓެކްނިކަލް އަދި މާލީ އެހީ ފޯރުކޮށްދިނުމަށް އުރީދޫ އިން މިއަދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހަވީރު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. ރަފީ ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ބާނީ އަދި ރައީސާ އައިޝަތު ރަފިއްޔާ އެވެ.

ރަފީ އެންޖީއޯ އިން އުރީދޫއާ އެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަފިއްޔާ ވިދާޅުވީ، އެ ޖަމިއްޔާގެ ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެންޓަރު އެކުލަވާލައި، ކޮލަމްބޯ ލީޑާޝިޕް އެކަޑަމީ (ސީއެލްއޭ) އިން އެންޑޯޒް ކޮށްފައިވާ މިލީނިއަމް ޔޫތު އެމްބެސެޑާ ޕްރޮގްރާމަކީ ޒުވާން ލީޑަރުންނަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދީ، ޒުވާނުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތްތައް މެދުވެރިކޮށް އެކުދިން ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންގެންދާ ޕްލެޓްފޯމެއް ކަމަށެވެ.

އެގޮތުން ދިވެހި ޒުވާނުން ތަރައްގީކުރުމަށްޓަކައި ކުރަމުންދާ އެ މަސައްކަތްތަކުގައި އުރީދޫ އިން ބައިވެރިވުމާ އެކު އެކަމަށް ތަރުހީބުދޭތީ، އުރީދޫއަށް ޝުކުރު އަދާކުރާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

މިލޭނިއަމް ޔޫތް އެމްބެސެޑާސް ޕްރޮގްރާމް ތިން ބަޔަކަށް ބެހިގެންދާ އިރު، ފެށިގެންދަނީ ޔޫތް އޭސް މިލޭނިއަމް އެސެޓްސް ސީރީޒް (ވައިމާސް)ގެ ނަމުގައި ޒުވާން ލީޑަރުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ލީޑާޝިޕް ޓްރެއިނިން ޕްރޮގްރާމް ތަކަކުންނެވެ.

ރަފީ އެންޖީއޯ އިން އުރީދޫއާ އެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެއަށްފަހު ޒުވާން ލީޑަރުން ބިނާކޮށް، އެގްޒެކެޓިވް ކޯޗިން ފޯރުކޮށްދިނުމަށް ސީއެލްއޭ އިން ރާއްޖޭގައި ކުރިއަށްގެންދާ ތިންދުވަހުގެ މިލޭނިއަމް ޔޫތު ލީޑާސް ކޭމްޕްގައި ބައިވެރިވެވޭނެ އެވެ. އަދި ސީއެލްއޭގައި ބާއްވާ ހަދުވަހުގެ މިލޭނިއަމް ޔޫތް އެމްބެސެޑާ ކޯޗިން ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ވައިމާސް ޓްރެއިނިން ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލާނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕްގައި ބައިވެރިވާ ޒުވާނުންގެ އަޒުމްތަކާ ހަމައަށް ވާސިލުވާން އެހީތެރިވެދޭނެ މުވާސަލާތީ އެހީތެރިކަން ފޯރުކޮށްދީ، ކޮލަމްބޯގައި ބާއްވާ މިލޭނިއަމް ޔޫތު އެމްބެސެޑާސް ކޯޗިން ކޭމްޕް ކުރިއަށްގެންދިއުމަށް އެ ކުންފުނިން މާލީއެހީ ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.