20 Feb 2017, 19:00
ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ ތަނބުތައް ކުރިން ލަފާކުރިވަރަށް ވުރެ ފުންކޮށް ޖަހަން ޖެހުނު ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރީންނަށް މިއަދު ދައްކާލާފައި ވާއިރު، ''ސަން''އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަންދާޒާ ކުރިވަރަށްވުރެ ފުންކޮށް ބައެއް ތަނބުތައް ޖަހަން ޖެހުނުއިރު އަނެއްބައި ތަބުތައް ތިލަކޮށް ޖަހަން ޖެހުނު ކަމަށެވެ.
"އެންމެ ފުންކޮށް ޖަހާފައިވާ ތަނބު، ކަނޑުގެ ސީބެޑުން އަޑިއަށް 100 މީޓަރަށް ޖަހާފަ އެބަހުރި، ކުރިން ލަފާކުރެވިފައި އޮތީ 80 މީޓަރުގެެ އަޑިއަށް، އާންމުކޮށް ހުރީ 60،70 މީޓަރު އެހާހިސާބުގަ،" މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ޕްރޮޖެކްޓުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުވަނީ މެއިން ބްރިޖުގެ 35 ތަނބުގެ ތެރެއިން 22 ތަނބަށް ކޮންކުރީޓް އަޅާފައެވެ. އަދި އެޕްރޯޗް ބުރިޖުގެ 88 ތަނބުގެ ތެރެއިން 40 ތަނބަށް ވަނީ ކޮންކްރީޓް އަޅާފައެވެ.
މިނިސްޓަރު ވިދާޅުވީ، ބްރިޖުގެ ހުރިހާ ތަނބެއްގެ ކޮންކްރީޓްގެ މަސައްކަތް އަންނަ މޭމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
"މިއަހަރުގެ މޭމަސް ނިމެންވާއިރަށް ހުރިހާ ތަނބުތަކެއްގެ، މާނައަކީ އެޕްރޯޗް ބުރިޖް އަދި މެއިން ބްރިޖުގެ ހުރިހާ ތަނބެއް ކޮންކުރީޓްކޮށް ނިންމޭނެ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިބަލަނީ އެއަށް ވުރެ އެއްމަސް ކުރިއަށް ނިންމޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.
އެއަށް ފަހު ތަނބުތަކުގެ ކެޕިން އެޅުމުގެ މަސައްކަތް އޮގަސްޓް މަސް ނިމެންވާއިރަށް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތައް ޗައިނާގައި މިހާރު ހަދަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ތާވަލް ކުރިގޮތަށް ކަމަށާއި 2018ގެ ސެޕްޓެމްބަރު މަހުގެ ކުރިން ބްރިޖު ބޭނުން ކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.