20 Feb 2017, 14:56
އިންޑިއާގެ ކާމިޔާބު ކްލަބު މޯހަން ބަގާން އާއި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޝިބާޖީ ބެނާޖީ ހިތް ހުއްޓިގެން މަރުވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި ބެނާޖީ މަރުވެފައިވާއިރު، އޭނާގެ އުމުރަކީ 68 އަހަރެވެ. ބެނާޖީ މަރުވިއިރު އޭނާގެ އަންބަކާއި ދަރިއެއް ދުނިޔޭގައި އެބަ ތިއްބެވެ.
ބެނާޖީ ވަނީ މޯހަން ބަގާންއާއެކު 11 ސީޒަން ހޭދަކޮށްފައެވެ. އޭނާ ވަނީ މޯހަން ބަގާންގެ ޓެކްނިކަލް ކޮމިޓީގައި ވެސް މަސައްކަތްކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު ޑީއެސްކޭއާ ދެކޮޅަށް މޯހަން ބަގާން ކުޅުނު މެޗު ބެލުމަށް ބެނާޖީ ދަނޑަށް ދިޔައިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ހަބަރުތައް ބުނެއެވެ.

މޯހަން ބަގާންއަށް ކީޕަރު ބެނާޖީ ކުޅުނު ދުވަސްވަރު: އޭނާ ވަނީ މޯހަން ބަގާންއާއެކު 11 ސީޒަން ހޭދަކޮށްފައި ---
ބެނާޖީ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 1977 ވަނަ އަހަރު ނިއު ޔޯކް ކޮސްމޯސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި ބްރެޒިލް ލެޖެންޑް ޕެލޭ ފޮނުވާލި ހިލޭ ޖެހުން މަތަކުރި ކީޕަރުގެ ގޮތުގައެވެ. އެ މެޗުގައި ޕެލޭގެ ހިލޭ ޖެހުން ޑައިވްކޮށް މަތަކުރި ކީޕަރު ބެނާޖީގެ ވާހަކައަކީ އިންޑިއާގެ ނޫސްތަކުން ގިނަ ދުވަސްތަކެއް ވަންދެން ދައްކަމުންދިޔަ އެއް ވާހަކައެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
ބެނާޖީއަކީ އިންޑިއާ ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ކީޕަރެކެވެ. އޭނާ ވަނީ 1972 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭރަކީ އިންޑިއާ ގައުމީ ޓީމުގެ ގޯލްކީޕަރުންގެ ވާދަވެރިކަން ބޮޑު ދުވަސްވަރެކެވެ. ކީޕަރު އަޓަނޫ ބަޓަޗާރިޔާއާއި ބަސްކަރް ގެންގޫލީ އަދި އަރުން ބެނާޖީއަކީ ވެސް އޭރު އިންޑިއާ ގައުމީ ގޯލް ބެލެހެއްޓުމަށް ވާދަކުރަމުންދިޔަ ކީޕަރުންނެވެ.
އިންޑިއާގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ބެނާޖީއަކީ ޕެނަލްޓީ ޝޫޓްއައުޓްއަށް ބަލި ކަމަށްވިޔަސް އެންމެ މޮޅު ކީޕަރުގެ ގޮތުގައި ފާހަގަކުރެވޭ އިންޑިއާގެ ކީޕަރެވެ. އެގޮތުން 1980 ވަނަ އަހަރުގެ ފެޑެރޭޝަން ކަޕްގެ ސެމީ ފައިނަލުގައި މުހައްމަދެން ސްޕޯޓިންއާ ދެކޮޅަށް މޯހަން ބަގާން ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާގެ ފަރާތުން ފެނުނު މޮޅު ސޭވްތައް ފާހަގަކޮށްލެވެއެވެ.
މީގެ ދެ އަހަރު ކުރިން މޯހަން ބަގާންގެ ދެ ލެޖެންޑެއް ކަމަށްވާ ކޮމްޕްޓަން ދައްތާ އަދި ސަތިޔަޖިތު ޗެޓާޖީއާއެކު އެކްލަބުގެ ޓެކްނިކަލް ކޮމިޓީއަށް ބެނާޖީ ވެސް ނެގިއެވެ. އެ ތިން ލެޖެންޑުންގެ އެހީތެރިކަމާއެކު މޯހަން ބަގާންއިން ވަނީ ފުރަތަމަ ފަހަރަށް އައި-ލީގު ކާމިޔާބުކޮށްފައެވެ.