މިއަދުގެ މެޗަށް ނިކުންނާނީ އިދިކޮޅުޓީމަކީ މޮޅު ޓިމެއްކަމަށް ދެކިގެން ކަމަށާއި އަމާޒަކީ މި މެޗުން މޮޅުވެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ދެވަނަ މެޗުގައި ޓީސީ ނިކުންނާނީ ކިރްގިސްތާން ލީގުގެ ތިންވަނަ އެފްސީ އަލްގާ ބިޝްކެކްއާ ދެކޮޅަށެވެ.

މެޗުގެ ކުރިން ޓީސީގެ މީީޑިއާ ވައިބާ ގުރޫޕްގައި ނިޒާމްބެ ބުނެފައި ވަނީ މިއަދުގެ މެޗު ފަސޭހަނުވާނެ ކަމަށާއި އިދިކޮޅު ކުޅެނީ މޮޅު ޓީމެއް ކަމަށެވެ. އަދި އެފްސީ އަލްގާ ބިޝްކެކް އަކީ މޮޅު ޓިމެއްކަމުން އެ ޓީމަށް ކުރަން ޖެހޭ އިހްތިރާމް ކުރާނެ ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މި މެޗަށް ޓީސީ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި މަސައްކަތް ކުރާނީ މޮޅެއް ހޯދުމަށް ކަމަށެވެ.

"ކުޅުންތެރިންނަށް ވިސްނައިދީފައި އޮންނާނީ އިދިކޮޅުން ކުޅޭ ޓީމު މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެފައި ވާތީ މި މެޗަށް އެޓީމު ނިކުންނާނީ މޮޅެއް ހޯދަންކަމަށް، އެހެންވެ އެއްވެސް ގޮތަކަށް މި މެޗު ފަސޭހަ ކޮށްނުލާނަން،" ނިޒާމްބެ ބުންޏެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އެގައުމުގެ ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް ކުޅުން މެޗުން މޮޅުވެ ޓީސީއަށް އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މޮޅު ހޯދައިދިން ކޯޗު ނިޒާމްބެ ބުނީ އަމާޒަކީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރަން ކަމަށެވެ.

ޓީސީއަކީ ވޭތުވެ ދިޔަ ސީޒަނުގައި ރާއްޖޭގައި ބޭއްވި ހުރިހާ މުބާރާތެއްގެ ދެވަނަ ޓީމެވެ.