28 Jun 2011, 15:25
މިދުވަސްވަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ވަރަށް ބާރު ސްޕީޑެއްގައި ޑެންގޫ ހުން ފެތުރެމުންދާ ކަމަށާއި ޑެންގޫ ޖެހޭ މިންވަރު ޕީކަށް އަލުން އަރާފައިވާ ކަމަށް ސެންޓާ ފޯ ހެލްތު އެންޑް ޑިސީޒް ކޮންޓްރޯލް [ސީއެޗްޑީސީ] އިން ބުނެފި އެވެ.
އެ ސެންޓަރުގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ފާތުމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވީ 2006 ވަނަ އަހަރުގެ ފަހުން ޑެންގޫ ޖެހޭ މިންވަރު އިތުރުވެގެން ދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށާއި ޑެންގޫ ކޮންޓްރޯލް ކުރުމުގެ މަސައްކަތް އަތޮޅުތަކާއި މާލޭގައި ވެސް އެ ސެންޓަރުގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމަށް އެ ސެންޓަރުގެ ފަރާތުން މާލޭގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރުމުން އެ ތަންތަނުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށެވެ.
"ރަށްރަށުގައި މަދިރި ކޮންޓްރޯލް ކުރާނެ ގޮތުގެ މައުލޫމާތު ދެމުން މިގެންދަނީ. މީގެ އިތުރުން މާލޭގައި އެކިއެކި ސައިޓްތައް ބަލައި ފާސްކުރުމަކީ މިސެންޓަރުން ކުރަމުން ގެންދާ ކަމެއް. މިހާރު ވެސް އެ މަސައްކަތް ކުރިއަށް އެބަދޭ. ސްކޫލްތައް ނުވަތަ ސަރުކާރުގެ އިދާރާތަކުގައި ހުންނަ ފެންހަރުލާ ފަދަ ތަންތަން ޗެކްކޮށް ރަނގަޅު ކުރުމަށް އެދުމުން ވެސް ހުރެދާނެ ނުކޮށް،" ނަޒްލާ ވިދާޅުވި އެވެ.
އެ ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ޖޫން މަހުގެ 18 ގެ ނިޔަކަށް މުޅި ރާއްޖެ އިން 1289 މީހެއްގެ ގައިން ޑެންގޫ ހުން ފެނިފައިވާ އިރު މިދިޔަ އަހަރުގެ ނިޔަލަށް އެބަލި ފެނިފައި ވަނީ 401 މީހުންގެ ގައިންނެވެ. އަދި މި އަހަރުގެ މިހާތަނަށް 27،470 މީހަކަށް ވައިރަލް ފީވާ ޖެހިފައިވާ އިރު މާލެ އިން އެބަލި ޖެހިފައި ވަނީ 5519 މީހަކަށް ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް ވައިރަލް ފީވާ ޖެހުނު މީހުންގެ އަދަދު 26،062 އަށް އަރާފައިވާ އިރު މާލޭން އެބަލި ޖެހިފައި ވަނީ 5276 މީހަކަށެވެ.
މިދިޔަ އަރާ އަޅާބަލާ އިރު މި އަހަރުގެ މިހާތަން ފައިރަލް ފީވާ ޖެހިފައިވާ މީހުންގެ އަދަދު 4.6 ޕަސެންޓް ވަނީ އިތުރުވެފައި ކަމަށް އެ ސެންޓަރުން ބުނެ އެވެ.
ޑެންގޫ އާއި ވައިރަލް ފީވާ ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ ނުވަ މަހުގެ ފިރިހެން ކުއްޖަކު ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ މަރުވެފަ އެވެ.