20 Feb 2017, 09:03
މިއީ ޒުވާން ޖީލެއް ނެތިކޮށްލައި، މަސްތުވާތަކެއްޗަށް މަގުފަހިކުރުވާ ސަބަބެވެ. ޅައުމުރުގައި ބަލިއެނދަށް ދާން ޖެހޭ މައިގަނޑު އެއް ސަބަބެވެ. ބޮޑެތި ބަލިތައް ގިނަވެ ގައުމުގެ އުފެއްދުންތެރިކަން ދަށްވާ ސަބަބެވެ. ނުކުޅެދޭ ދަރިން އިތުރުވާ ވެސް ސަބަބެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، މިކަމަކީ މިގައުމުގެ އެތައް ބަޔަކު ކުރަމުންދާ ނޭދެވޭ އަމަލެކެވެ. މިގައުމަށް މިއަދު ކުރިމަތިވެފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ "މަންމަ"އަކީ އެއީ އެވެ. އެއީ ދުންފަތުގެ ވަބާ އެވެ.
ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އެ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާނިޒާމަށް ކުރިމަތިވާ މައްސަލަތައް ހިމެނެ އެވެ. އެ ހުރިހާ ބައްޔެއްގެ މައިގަނޑު ސަބަބަކީ ދުންފަތެވެ. ސިނގިރޭޓު ބުއިމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ.

ސްޓްރޯކް ޖެހުމާއި ހާޓްއެޓޭކް ޖެހުން، މި ގައުމުގައި ވަރަށް ވެސް އާންމުވެއްޖެ އެވެ. ހާއްސަކޮށް މިފަދަ ބަލިތައް ޒުވާނުންނަށް ޖެހޭ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަނީ އެވެ. އެފަދަ ބަލިތަކުގެ ސަބަބުން މަސައްކަތްކުރަންވީ ދުވަހު އެތައް ޒުވާނުންނެއް ވަނީ ބަލިއެނދުގައި އޮންނަން ޖެހިފަ އެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގެ އުފެއްދުންތެރިކަން ދަށްވަނީ އެވެ. އާއިލާތައް ނިކަމެތިވަނީ އެވެ.
ނޫކަށިފުރައިގެ ޒުވާނުން، ބުންވަރު ދަށްވެ ކަންނެތްވަނީ އެވެ. ދަރިފަސްކޮޅު ނުކުޅެދޭ ބަޔަކަށްވަނީ އެވެ. މަސްތުވާތަކެތީގެ ދިރާސާތަކަށް ބަލާއިރު މަސްތުވުން ފެށުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކަށް އެޅިފައި ވަނީ ސިނގިރޭޓު ބުއިމެވެ.
ފައިދާ ދެތިން ބަޔަކަށް، ގައުމަށް ގެއްލުން
މިދިޔަ އަހަރު ރާއްޖެއަށް 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރި އެވެ. އެއީ ދިވެއްސެއްގެ ބޮލަކަށް 1449 ވުރެ ގިނަ ސިނގިރޭޓެވެ. ރާއްޖެއަށް ސިނގިރޭޓް އެތެރެކުރަނީ މައިގަނޑު ހަތަރު ފަރާތަކުން ކަމަށްވާ އިރު އެއީ އެ ފަރާތްތަކަށް ވަރަށް ފައިދާ ބޮޑު ވިޔަފާރިއެކެވެ. ނަމަވެސް އެފަރާތްތަކުގެ އަތުން ގަނެގެން ވިއްކާ ކުދި ވިޔަފާރިތަކަށް މާކަ ބޮޑު ފައިދާއެއް ނުވެ އެވެ.
"ކާޓޫނަކުން ޖެހެނީ 28 ރުފިޔާ ފައިދާ. މިއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން. ފައިދާ ވާއެއްޗެއް ނޫން މިއީ،" ކޮއިލް މާޓްގެ ވެރިޔާ ބުންޏެވެ.
އެހެންކަމުން މިއީ މަދު ބަޔަކަށް ބޮޑު ފައިދާއެއް ލިބޭ މުޅި ގައުމަށް އޭގެ ބޮޑު ގެއްލުން ކުރިމަތިވާ ވަބާއެކެވެ. އެތައް ބަޔަކު ހަލާކެއްގެ ތެރެއަށް ވައްޓާލައިގެން އެހޯދަނީ ބޮޑު ނަފާއެކެވެ. އެހެންކަމުން މިކަން ހުއްޓުވައިގެން ގައުމުގެ އިގްތިސާދަށް ގައިމުވެސް ކުރާނެ އަސަރެއް ނޯންނާނެ އެވެ.

އަގުބޮޑުކޮށް، ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވަންޖެހޭ
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިދިޔަ އަހަރުގެ ބަޖެޓްގައިވާ ގޮތުން މި އަހަރުން ފެށިގެން ސިނގިރޭޓަކުން ނަގާ ޓެކްސް 1.75 ރުފިޔާއަށް ބޮޑުވާނެ އެވެ. ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން މިހާރު 47 ރުފިޔާ އަށް ލިބޭ ސިނގިރެޓް ފޮއްޓެއް އޭރުން ލިބޭނީ 60 ރުފިޔާއަށް ވުރެ ބޮޑުކޮށެވެ. މިހާރު ދެ ރުފިޔާއަށް ވިއްކާ ވަކި ސިނގިރޭޓެއްގެ އަގު 3.25 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ. އެބިލް އޮތީ މަޖީލީހުގެ ކޮމެޓީ މަރުހަލާގަ އެވެ. އެއަށްވުރެ ވެސް އަގުތައް ބޮޑުވުން އެކަށީގެންވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ސިނގިރޭޓު ބުއިމުން މީހުން ދުރުކުރުމަށް އޭގެ އަގު ބޮޑުކުރުމަކީ މުހިންމު ކަމެކެވެ. އޭގެ ތެރެއިން ވެސް އުސޫލްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެގޮތުން ވަކިވަކިން ސިނގިރޭޓް ނުވިއްކޭ ގޮތަށް ގާނޫނުން އަންގަން ޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.
"ސިނގިރޭޓް ވިޔަފާރި ކުރާ ފަރާތްތަކުން ޓާގެޓް ކުރަނީމި ޒުވާނުންނަށް، މިހާރު މިއިންވަރުން ވެސް ސިނގިރޭޓެއްގެ އަގު 3.25ރ. އަށް ބޮޑުވެގެން ނުބޮއެއް ނުހުންނާނެ. އޭގެ ބަދަލުގައި ވަކިވަކި ސިނގިރޭޓް ނުވިއްކޭ ފޮށި އެކަނި ވިއްކޭގޮތް ހަދަންޖެހޭ. އޭރުން 60 ރުފިޔާ ދީފައި ފޮށި ގަންނަން ވީމާ އެންމެނަށް ނުގަނެވޭނެ. އަދި ކައިރީ ތިބޭ ރައްޓެހިންނަށް ބަހާ ނުހެދޭނެ،" ހަސަން ވިދާޅުވި އެވެ.

ދުނިޔޭގެ ތަރައްގީ ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި ސިނގިރޭޓުގެ އަގު މާބޮޑަށް ހެވެ އެވެ. ރާއްޖެ ނަމޫނާއަކަށް ބަލާ ސިންގަޕޫރުގައި ސިނގިރޭޓް ފޮއްޓެއް ލިބެނީ 138 ރުފިޔާއަށެވެ. އިނގިރޭސި ވިލާތުގައި ސިނގިރޭޓް ފޮއްޓެއް ލިބެނީ 151 ރުފިޔާއަށެވެ. ވަކިވަކި ސިނގިރޭޓް ނުވިއްކާ އަގުބޮޑުކޮށް ފޮށި ވިއްކާ އުސޫލެއް ގައުމުތަކުން ގެންގުޅެނީ މީހުންގެ ސިއްހަތަށާއި ގައުމުގެ ތަރައްގީއަށްޓަކަ އެވެ.
ދުންފަތުން ސަލާމަތްވުމަށް އެތައް މަގެއް
ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކުން އެ ވަބާއިން ސަލާމަތްވުމަށް ހާއްސަ ކްލިނިކް،ދަމަނަވެށިހުޅުވައި ފަރުވާދޭން އެވަނީ ފަށައިފަ އެވެ. ބޭނުންވާ ބޭސް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދެ އެވެ. އެހެންކަމުން ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ތަނަވަސްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު 2011 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުންގެ ޕަސެންޓޭޖް އުޅެނީ 34.7 ޕަސެންޓުގަ އެވެ. އެއީ 2004ގައި ހެދި އެ ދިރާސާއަށްވުރެ ދަށް އަދަދެކެވެ. އޭރު އެ ނިސްބަތް އުޅެނީ 39.9 ޕަސެންޓުގަ އެވެ. އަންހެނުންނަށް ބަލާއިރު ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުން 2011 ވަނަ އަހަރު 3.4 ޕަސެންޓުގައި އުޅޭއިރު އެއީ 2004 ވަނަ އަހަރާ އަޅާބަލާ އިރު 6.5 ޕަސެންޓް ދަށްވުމެކެވެ.
ދެން އޮތީ މުޖުތަމައު އެވެ. މަގުމައްޗަށް ނުކުތަސް އެއްޗެއް ކާންދިޔަޔަސް ހިތްއުފާކޮށްލަން ތާކަށް ދިޔަޔަސް ސިނގިރޭޓު ބޯ މަންޒަރު ނޫން މަންޒަރެއް ނުފެނެ އެވެ. އެހެންކަމުން ގާނޫނާއި ގަވައިދު ތަންފީޒު ކުރަންޖެހެ އެވެ.
ގާނޫނު ތަންފީޒެއް ނުވޭ
މީގެ ނުވަ އަހަރު ކުރިން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަކަށް އަމަލުކުރަން ފަށައިފަ އެވެ. ނަމަވެސް ތަންފީޒުވާތަނެއް ނުފެނެ އެވެ. ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދިފައި ވަނީ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދެއް އެކަންޏެވެ. ގާނޫނު ތަންފީޒު ކުރަން ހަދަން ޖެހޭ އެހެން ގަވައިދުތައް އޮތީ ނުހެދި އެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން ވިދާޅުވި ގޮތުގައި އެ ގާނޫނު ތަންފީޒު ނުކުރެވިފައި ވަނީ ކަމާ ގުޅޭ ގަވައިދުތައް ގެޒެޓް ނުކުރާތީ އެވެ. އެގޮތުން ދުންފަތް އިސްތިހާރު ކުރުން ހުއްޓުވުމާއި ކުޑަކުދިންނަށް ވިއްކުން ހުއްޓުވުމަށާއި ދުންފަތް ވިއްކުމުގައި ލައިސެންސް ނަގަން ޖެހޭ ގޮތަށް ބަދަލު ނުކުރެވި ވަނީ ގަވައިދު ނެތުމުން ކަމަށް ހަސަން ވިދާޅުވި އެވެ.
ރައީސް އޮފީހުން ވެސް މިކަމުގައި އިހުލާސްތެރިވާން ޖެހެ އެވެ. ނުވަ އަހަރު ވެގެންދާ އިރު މިފަދަ މުހިންމު ގަވައިދުތަކެއް ނުހެދި ހުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ.
ކޮންމެއަކަސް ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކަކީ ބާރުގަދަ ބައެކެވެ. ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މުއްސަނދި ބައެކެވެ. އެމީހުންގެ ބަރާއި ނުފޫޒު ވަރަށް ގަދަ އެވެ. މިއީ އެދޭ ފައިސާއަށް ވުރެ ގައުމަށް ޓަކައި ވިސްނަންވީ ވަގުތެވެ. މުޅި ގައުމު ނެތި މިދަނީ އެ ދުންތަކަކާހެދި އެވެ. ހުރިހާ ހަލާކެއްގެ ފެށުމަކީ އެއީ އެވެ. މިހާރު ބިލް އެއޮތީ މަޖިލީހުގަ އެވެ. ރައްޔިތުންގެ މަންދޫބުންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. އެހެންކަމުން ރައްޔިތުންނަށް ޓަކައި ހެޔޮގޮތެއް ހެދުން މުހިންމެވެ.