ތަފާތު ދެ މައްސަލައެއްގައި ގދ. ގައްދޫގެ ކުރީގެ ކައުންސިލަރު އަބްދުލްއަޒީޒް މުހައްމަދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން ފޮނުވައިފި އެވެ.

އޭސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 2010 ގައި ގައްދޫގައި ހަދަން ފަށާފައިވާ ކުނި ކޮށީގެ މަސައްކަތަށް ފައިސާ ހޯދުމުގައި އަބްދުލްއަޒީޒް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން ކުނި ކޮށީގެ މަސައްކަތް ކުރުމުގައި އެއް މަސައްކަތެއްގެ ގޮތުގައި ބެލެވޭނެ މަސައްކަތްތައް ވެސް ފިޔަވަހިތަކަށް ބަހާލައިގެން ފިޔަވައްސަކަށް 25،000ރ. ހަމަނުވާ ގޮތަށް ފައިސާ ހޯދުމަށް މަތިދެކުނު ޕްރޮވިންސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

"ކުނި ކޮށި ހެދުމުގެ މަސައްކަތް ފަސް ފިޔަވައްސަކަށް ބަހާލާފައިވާ ގޮތަށް ބަލާއިރު ފިޔަވަހިތަކަށް ބަހާލާފައި ވަނީ އެއް މަސައްކަތެއްގެ ގޮތުގައި ބެލެވިދާނެ ކަންތައްތައް ބައިބައިކޮށްގެން ވަކިވަކިން 25،000ރ. ހަމަނުވާ ގޮތަށް،" އޭސީސީގެ ބަޔާނުގައިވެ އެވެ. "ދެ ވަނަ ފިޔަވަހީގައި ކުނި ކޮށީގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއިރު ތިން ވަނަ ފިޔަވަހީގެ ހ. ގައި ވަނީ ރިވެޓްމެންޓްގެ ދެގާ ދޭތެރެއަށް ސިމެންތި އަޅާ ބެއްދުން."

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ 25،000ރ. އިން ފެށިގެން 1،500،000ރ. ދެމެދުގެ މަސައްކަތެއް ކުރަންވެއްޖެ ނަމަ އެ މަސައްކަތެއް ކުރާނެ ބަޔަކު ހޯދަންޖެހޭނީ އާންމުކޮށް އިއުލާންކޮށްގެން ލިބޭ އަންދާސީ ހިސާބުތަކަށް ބަލައިގެން ކަމަށެވެ. އަދި އެއް މަސައްކަތެއް ބައިބައިކޮށް އަންދާސީ ހިސާބުތައް ހޯދައި އެ އަންދާސީ ހިސާބުތަކުގެ މަސައްކަތް ވަކިވަކިން ހަވާލުކޮށްގެން ނުވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެގޮތަށް ކުނި ކޮށީގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން 25،000ރ. ހަމަނުވާ ގޮތަށް މަސައްކަތްތައް ވަކިވަކި ކޮށްފައި ވަނީ އިއުލާނު ނުކޮށް ވަކި ބަޔަކަށް މަސައްކަތް ހަވާލު ކުރުމުގެ ނިޔަތުގައި ކަމަށް އެ ކަންތައް ކޮށްފައިވާ ގޮތުން ބެލެވޭ ކަމަށެވެ. އަބްދުލްއަޒީޒުގެ ނިޔަތަކީ ޕްރޮވިންސް އޮފީހަށް ފޮނުވި ބިލްތަކުގެ ފައިސާ ލިބުމުން، ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރި ކަމަށް ބުނާ ބަޔަކަށް ފައިސާ ދިނުން ކަމަށް އެ މައްސަލައިގައި ހިމެނޭ ހެއްކާއި ގަރީނާއިން ތުހުމަތު ކުރެވޭ ކަމަށް އޭސީސީން ބުނެ އެވެ.

އެހެންކަމުން އެ މައްސަލައިގައި އަބްދުލްއަޒީޒުގެ މައްޗަށް ދައުވާ ކުރުމަށް ޖޫން 20، 2011 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކުނި ކޮށީގެ ފައިސާ ލިބޭންވާ ހައްގުވެރި ފަރާތަކީ ކޮބައިކަން ނޭނގޭތީ ތަފާތު ދެ ބަޔަކު ހުށަހަޅާފައިވާ ބިލްތައް ހުރުމުން މި މައްސަލައިގައި އެންމެ މަސްލަހަތު ހުރި ގޮތަކީ، ފައިސާ ލިބެންޖެހޭ ފަރާތް ޝަރީއަތުން ކަނޑައެޅުން ކަމަށެވެ.

މީގެ އިތުރުން ގައްދޫ އިޖްތިމާއީ ސަރަހައްދު ސާފު ކުރުމަށް މީހުން ހޮވާފައި ވަނީ ވަޒީފާއަށް އެދި ސިޓީ ފޮނުވާފައިވާ މީހުންގެ ތެރެއިން "ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރަށް ފެންނަ މީހުން" ކަމަށް އޭސީސީން ބުނެ އެވެ. އަދި އެއީ ވަޒީފާ ދިނުމުގައި ބަލަންޖެހޭ ހަމަޖެހޭ މިންގަނޑެއް ނޫން ކަމަށާއި އެއީ ވަކި ބަޔަކަށް ނާޖާއިޒު ފައިސާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ އެ މައްސަލައިގައި ވެސް އަބްދުލްއަޒީޒުގެ މައްޗަށް ނާޖާއިޒު ފައިދަ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށްޓަކައި ފޮނުވާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.