12 May 2010, 10:21
14:30
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ޑޭވިޑް ކެމެރޮން ހޮވިވަޑައިގެންފި އެވެ.
ކެމެރޮން ބޮޑުވަޒީރުކަމުގެ މަގާމަށް މިވަޑައިގަތީ މިދިޔަ ހަފްތާގައި އެގައުމުގައި ބޭއްވުނު އާންމު އިންތިޚާބުގައި އގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ެއްވެސް ޕާޓީއަކަށް ނުލިބި، ލިބަރަލް ޑިމޮކްރެޓިކް ޕާޓީން ކޮންޒަވޭޓިވް ޕާޓީއާއެކު ކޯލިޝަން ސަރުކާރެއް ގާއިމުކުރުމަށް އެއްބަސްވުމާ ގުޅިގެންނެވެ. ކެމެރޮން ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމާއެކު އޭނާ ވަނީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ނިކް ކްލެގް ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.
އަނެއްކޮޅުން ލިބަރަލް ޑިމޮކްރޭޓުންނާ އެކު އެއްބަސްވުމަކާ ހަމައަށް ނާދެވުމުން ލޭބާ ޕާޓީގެ ލީޑަރު ގޯޑަން ބްރައުން ވަނީ ޕާޓީގެ ލީޑަރުކަމުން އިއްޔެ އިސްތިއުފާ ދެއްވާފަ އެވެ. އަދި ކެމެރޮން ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމާއެކު އިނގިރޭސިވިލާތުގައި ލޭބާ ޕާޓީން ކުރަމުން އައި 13 އަހަރުވީ ވެރިކަން މިވަނީ ނިމުމަކަށް އައިސްފަ އެވެ.
ބޮޑުވަޒީރުކަމުގައި ހުންނަވައިގެން ދެއްވި ފުރަތަމަ ސްޕީޗުގައި ވާހަކަފުޅު ދައްކަވަމުން ކެމެރޮން ވިދާޅުވީ 1945 ވަނަ އަހަރުގެ ފަހުން އެގައުމުގައި ހިންގާ ފުރަތަމަ ކޯލިޝަން ސަރުކާރު ހިންގުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް ދެ ޕާޓީން ގުޅިގެން މަސައްކަތްކޮށްގެން ގައުމަށް ބޭނުންވާ ހަރުދަނާ ސަރުކާރެއް ގާއިމުކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމާއެކު އުމުރުފުޅުން 43 އަހަރުގެ ކެމެރޮން ވެވަޑައިގެންފައިވަނީ ވޭތުވެދިޔަ 200 އަހަރުތެރޭ އެގައުމުގެ ލީޑަރަކަށް ވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއަށެވެ.