ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާގެ ކޮލޮމްބޯއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށް، 305 ޑޮލަރަށް ދެކޮޅު ޓިކެޓު ލިބޭ ފެއާއެއް ސްރީލަންކަން އެއާލައިނުން ފަށައިފިއެވެ.

އެ އެއާލައިނުން ބުނި ގޮތުގައި މީގެ ފަހުން ގަމުން ކޮލޮމްބޯއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު އުޅޭނީ މިއަގުގައެވެ. މީގެ ކުރިން އެ އެއާލައިނުން ގަމާއި ކޮލޮމްބޯއާ ދެމެދުގެ ދެކޮޅު ޓިކެޓަށް ނަގަމުން އައީ 355 ޑޮލަރެވެ.

އެ ފެއާގެ ދަށުން ދެކޮޅު ޓިކެޓު 305 ޑޮލަރަށް ލިބޭ އިރު، ވަން ވޭ ނުވަތަ އެއްކޮޅު ޓިކެޓުގެ އަގަކީ 182 ޑޮލަރެވެ.

ސްރީލަންކަން އެއާލައިންސްއިން ގަމާ ކޮލޮމްބޯއާ ދެމެދު ދަތުރު ކުރާނީ ހަފްތާގެ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. މިދަތުރުތައް ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

ސްރީލަންކަން އެއާލައިންސަކީ ދުނިޔޭގެ 47 ގައުމެއްގެ 102 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެކެވެ. އެ އެއާލައިނަށް ވޯލްޑް ޓްރެވަލް އެވޯޑްސް 2016 ގައި، އިންޑިއާގެ ކަނޑުގެ ލީޑިންގް އެއާލައިންގެ އެވޯޑުވެސް ވަނީ ލިބިފައެވެ.

ސްރީލަންކަން އެއާލައިންސް ކޮލޮމްބޯއާއި އައްޑޫ ސިޓީ ގުޅުވާލުމުން، އައްޑޫ ސިޓީއާއި ދެކުނުގެ ރައްޔިތުން ބޭރު ގައުމުތަކަށް ފުރުމަށް މާލެއަށް ދާން ޖެހޭ ޖެހުމަށް ވަނީ ނިމުމެއް އައިސްފައެވެ.