19 Feb 2017, 20:07
ފުވައްމުލައް ސިޓީގެ ދަނޑިމަގު އަވަށުގެ ކުޅީގައި އަލިފާން ރޯކޮށްލި މައްސަލަ ތަހުގީގުކޮށްދިނުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ދަނޑިމަގު ކިޅީގައި އަލިފާން ރޯކޮށްލި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އީޕީއޭ އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"އީޕީއޭ އިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި. އީޕީއޭ އިން ހުށަހެޅުމުގެ ކުރިންވެސް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.
ތަފާތު އެކިދުވަސްމަތިން ދަނޑިމަގު ކިޅީގައި އަލިފާން ރޯކޮށްލާފައިވެއެވެ. މިމަހުގެ 10 ވަނަ ދުވަހާއި 13 ވަނަ ދުވަހުގެ ވަގުތެއްގައި ވެސް އެ ކިޅީގައި ވަނީ އަލިފާން ރޯކޮށްލައިފައެވެ.
އަލިފާންރޯކޮށްލުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް މިއަދު ސަން އަށް ވިދާޅުވީ ފުވައްމުލަކު ދަނޑިމަގު ކިޅި އަކީ ހިމާޔަތްކޮށްފައިވާތަނެއް ކަމަށެވެ.
ނައިމް ވިދާޅުވީ ހިމާޔަތްކޮށްފައިވާ ތަންތަނަށް ގެއްލުން ދިނުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ. އެފަދަ ކުށްތައް ކުރަނީ 18 އަހަރުން ދަށުގެ ކުދިން ކަމުގައިވާނަމަ އެކުދިންގެ ބެލެނިވެރިން ވެސް އެކަމުގައި ޒިންމާދާރު ކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.