19 Feb 2017, 19:36
އަތާމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެޗް އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބ. ކިހާދުއްފަރު ރިސޯޓު އަތުލަން ނޯޓިސް ފޮނުވީ ރަނގަޅަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އަތަމާ މެރިން އިންޓަނޭޝަނަލް އިން ކުރި ދައުވާގައި ވަނީ އެމް ލޫލޫއާ އެކު މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެކުންފުނިން ސޮއިކޮށްފައިވާ ސަބްލީސް އެގްރީމެންޓުގެ ދެ މާއްދާއަކާ އެމް ލޫލޫ އިން ޚިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެގްރީމެންޓުގައިވާ ގޮތުގެމަތިން އެ ރިސޯޓު ހުސްކޮށް އެކުންފުންޏާ ހަވާލުކުރުމަށް އެމް ލޫލޫއަށް މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ނޯޓިސް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް އެ ނޯޓިސްއަށް އެމް ލޫލޫ އިން އަމަލުކޮށްފައިނުވާ ކަމަށް ދައުވާގައިވެއެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެ ނޯޓިސް ފޮނުވާފައި ވަނީ އެމް ލޫލޫ އިން އެގްރީމެންޓާ ޚިލާފުވުމުން އެކުންފުންޏަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުންކަން އެ ނޯޓިސް އަށާއި އަދި ހުށަހެޅި ލިޔުންތަކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.
ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީ، އަތަމާ މެރިން އިންޓަނޭޝަނަލްގެ ރުހުމެއް ނެތި ކިހާދުއްފަރު ރިސޯޓު ބޭނުންކުރުމުގެ އެއްވެސް ހައްގެއް އެމް ލޫލޫއަށް ލިބިގެންނުވާ ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އަދި އެ ރިސޯޓުގައި ހުރި އެމް ލޫލޫގެ ތަކެތި 10 ދުވަހުގެ ތެރޭގައި ހުސްކޮށް އަތަމާ މެރިން އިންޓަނޭޝަނަލްއާ ހަވާލުކުރުމަށާއި އެ ރިސޯޓުގައި ހުރި އެމް ލޫލޫގެ އަމިއްލަ ބޭނުމަށް ގަނެފައިހުރި އެއްޗެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމަށް އެ ހުކުމްގައި އެމް ލޫލޫ އަށް ވަނީ އަންގައިފައެވެ.
ދައްކާފައިނުވާ ކުއްޔާއި ކުލި ނުދެއްކުމުން ވެފައިވާ ޖޫރިމަނާ އާއި އަދި ލިކުއިޑޭޓް ޑެމޭޖަސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެކު ޖުމްލަ 1.4 މިލިއަން ރުފިޔާ އަކީ އެމް ލޫލޫ އިން އަތަމާމެރިން އިންޓަނޭޝަނަލް އަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އަދި އެ ފައިސާ އަތަމާ މެރިން އިންޓަނޭޝަނަލް އަށް ދެއްކުމުގެ ގޮތުން ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވަނީ އެ ހުކުމްގައި ވަނީ އަންގައިފައެވެ.