19 Feb 2017, 20:18
އިންޑިއާގެ ލީޑިން ޓްރެވަލް އޯގަނައިޒޭޝަނެއް ކަމަށްވާ ޓްރެވަލް އޭޖެންސްޓް ފެޑެރޭޝަން އޮފް އިންޑިއާ (ޓާފީ) އާއެކު ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ޓްރެވަލް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ސޮއިކޮށްފިއެވެ.
އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ސާޓޭ ފެއާގައި ވެވުނު މި އެއްބަސްވުމުގެ ދަށުން އެ ދެ ޖަމިއްޔާގެ މެދުގައި މާކެޓިންގައި ބޭނުންކުރާ ވަސީލަތްތައް ހިއްސާކުރުމާއި މާކެޓް ޑޭޓާ އަދި ދިރާސާތައް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެ ޖަމިއްޔާގައި ހުރި އާ ޕްރޮޑަކްޓްތަކާއި އުފައްދަން ހަމަޖައްސާފައި ހުރި ޕްރޮޑަކްޓުތައް މާކެޓު ކުރުމުގައި ދެ ފަރާތުން އެއްބާރުލުން ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
އެ އެއްބަސްވުމުގައި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އަސްރާ ނައީމެވެ. ޓާފީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބް ރައީސް ޕްރަދީޕް ލޫލާއެވެ.
ޓާފީ އަކީ 1986 ވަނަ އަހަރު އުފެދިގެން އައި ޖަމިއްޔާއެކެވެ. އިންޑިއާގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށާއި ކުރިއެރުވުމަށް އެޖަމިއްޔާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޖަމިއްޔާ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ނޮން ޕްރޮފިޓްގައި ހިންގާ ޖަމިއްޔާއެކެވެ.
މަޓާޓޯއިން ބުނީ، އެ އެއްބަސްވުމުގެ ސަބަބުން ދެ ޖަމިއްޔާ ގުޅިގެން މަސައްކަތް ކުރަން ފެށި، ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް އުފެދިގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެގައުމުގެ ފަތުރުވެރިކަން ރަނގަޅުވެ އެ ދާއިރާ ތަރައްގީ ވެގެންދާނެ ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.
ސާޓޭ ފެއާ ބޭއްވީ އިންޑިއާގެ ނިއުދިއްލީގެ ޕްރަގަތީ މައިދާންގައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެ ފެއާގައި މަޓާޓޯ މެދުވެރިކޮށް ބައިވެރިވި 15 ކުންފުންޏަކުން 21 މީހުން އެ ފެއާގައި ހަރަކާތްތެރި ވިއެވެ.
އެ ފެއާގައި ދުނިޔޭގެ 35 ގައުމަކާއި އިންޑިއާގެ 28 ސްޓޭޓަކުން 750 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.
މިއީ މިއަހަރު ތެރޭގައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާތަކުގެ ތެރެއިން މަޓާޓޯއިން ބައިވެރިވާ ދެވަނަ ފެއާ އެވެ. އެ ފެއާ އޮތީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސާޓޭ ފެއާގެ އިތުރުން މިއަހަރު ދެން އެންމެ އަވަހަށް އޮންނަ ޓްރެވަލް ފެއާ އޮންނާނީ އަންނަ މަހުގައެވެ. އެއީ ރިޔާދު ޓްރެވަލް ފެއާއެވެ. ސާޓޭއާ އެކު މި އަހަރު ތެރޭގައި މަޓާޓޯއިން ޖުމްލަ އަށް ފެއާއެއްގައި ބައިވެރިވުމަށް ވަނީ ހަމަޖައްސާފައެވެ.