07 Jul 2017, 16:03
ފަހުނޭވަޔާ ޖެހެންދެން ވެސް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަހަތްޕުޅަށް ދުވަހަކު ވެސް އަރާވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓުތަކެއްގައި އަދުރޭ ވިދާޅުވީ އޭނާ ސިޔާސީ މައިދާނަށް ނުކުންނެވީ ވެސް ރައީސް ޔާމީނާއެކު ކަމަށެވެ. އެހެންކަމުން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނީ ވެސް ރައީސް ޔާމީނާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކު" ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި މާތްﷲ އިރާދަކުރެއްވިއްޔާ އެ ޓީމް ބަލި ނުކުރެވޭނެ ކަމަށެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ ދިހަ މެމްބަރުން ސޮއިކުރުމުން ކާމިޔާބު ލިބިއްޖެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ބައެއް މެމްބަރުން ވަނީ އޭގައި ވަނީ އެބޭފުޅުންގެ ސައްޙަ ސޮއި ކަމަށް ވިދާޅުވެ، އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެކަމަށް ހާމަކޮށްފައެވެ.