28 Jun 2011, 14:54
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގައި އީގަލްސް ކޮޅަށް ނުވަ ލަނޑު ޖެހި ވީބީއާއެކު ދެ ވަނަ ބުރުގައި ރޭ ކުޅުނު މެޗުން އެއްވަރުވުމަކީ ތާރީހުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް އީގަލްސް އިން ސިފަކޮށްފި އެވެ.
ގަދަފަދަ ވީބީއާ ދެކޮޅަށް ކުޅެ ލަނޑެއް ޖެހިޔަނުދީ އީގަލްސް އިން ރޭ ހިފެހެއްޓި މެޗަށް ފަހު، ކޯޗް އަހުމަދު ނިމާދު (ނިމާ) ބުނީ ވީބީ ކަހަލަ މޮޅު ޓީމަކާ ދެކޮޅަށް ކުޅެ، މެޗް އެއްވަރު ވުމަކީ ތާރީހުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ. އަދި މެޗަށް ޓީމް ނިކުތީ ވެސް މެޗް އެއްވަރު ކުރުމުގެ އުންމީދުގައި ޑިފެންސިވް ގޭމްސް އެއް ކުޅެން ކަމަށް ވެސް ނިމާ ބުންޏެވެ.
ނިމާ ބުނީ، ބައިކޮޅަށް ގޯލެއް ނުވަދެ މެޗް އެއްވަރު ކޮށްލުމުގައި ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުމަކީ މޮޅު ކުޅުމެއް ކަމަށާއި މެޗް އެއްވަރު އެއްވަރުކުރެވުނީ ކުޅުންތެރިންގެ 200 ޕަސެންޓުގެ ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.
މިމެޗްގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. ނަމަވެސް، މެޗްގައި އެންމެ ފަހަގަ ކޮށްލެވުނީ، ވީބީގެ ގޯލަށް އީގަސް އިން ކުރަމުން ދިޔަ ނުރައްކާތަކެވެ. ރޭގެ މެޗުގެ ފަހު ބައި އީގަލްސް އިން ފުރިހަމަކޮށްފައި އެއްކުޅުންތެރިޔަކު މަދުކޮށެވެ.
މެޗަށް ފަހު އީގަލްސް ޓީމުގެ ސަޕޯޓަރުންނާއި އޮފިޝަލުން އަދި ކުޅުންތެރިންވަނީ މެޗް އެއްވަރު ވުމުން އުފާފާޅުކޮށްފައެވެ.
މެޗުން އެއްވަރުވި ނަމަވެސް ތާވަލްގެ އެއްވަނާގައި 32 ޕޮއިންޓާއެކު އަދިވެސް އޮތީ ވީބީ އެވެ. އީގަލްސް އޮތީ 14 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.
މުބާރާތުގައި މިރޭ ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ވެލެންސިޔާއެވެ. މިދެޓީމް މިރޭ ނުކުންނައިރު، ނިއުއަށް އަލަށް ގުޅުނު ގޯލް ކީޕަރު ލެވެންޓް ވަންލީ މިރޭގެ މެޗުން ފެންނާނެ ކަމަށް ނިއުގެ ކޯޗް މޯހަން ވަނީ ބުނެފައެވެ.