އައްޑޫ ސިޓީގެ ހިތަދޫ އީދިގަލި ކިޅި ބެލުމަށްް އެތަނުގައި ލަކުޑިން ހަދާފައިވާ ޕްލެޓްފޯމަށް ސައިކަލްތަކެއްގައި ބަޔަކު އެރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "ސަން"އަށް ވިދާޅުވީ އެ ކުޅީގައި ދޫނިތައް އުޅޭތީ އެތަން ވަނީ ހިމާޔަތްކޮށްފައި ކަމަށެވެ. ލަކުޑިން ހަދާފައިވާ އެ ޕްލެޓް ފޯމަށް އަރަންވާނީ ފައިމަގުގައި ކަމަށާއި ސައިކަލްތައް އެރުވުމަކީ އެ ޕްލެޓްފޯމަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ނައީމް ވިދާޅުވިއެވެ.

"ލަކުޑިން ފާލަމެއް ހެން ހަދާފަ ހުންނަ ޕްލެޓްފޯމެއް އެއީ. އެތަނަށް ސައިކަލްގައި އެރުމަކީ އެތަން ހަލާކުވެގެން ހިނގައިދާނެ ކަމެއް. އީދިގަލި ކިޅި ހިމާޔަތްކޮށްފައި ވަނީ ދޫނި ފަދަ ތަކެތި އެތަނުގައި އުޅޭތީ. އެހެންކަމުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ވާނީ ހުށަހަޅާފައި،" ނައީމް ވިދާޅުވި އެވެ.

އީދިގަލި ކިޅިއަކީ އައްޑޫ ސިޓީގައި އީކޯ ޓޫރިޒަމްގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.